މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން، ހަރުދަނާ އަދި ފުރިހަމަ އުސޫލުތަކަކުން ސިޔާސީ ޕާޓީއެއް ހިންގެވުމަށް އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރެއްވި އެހެން ލީޑަރަކު ސިޔާސީ މައިދާނުގެ ތަޖުރިބާއިން ފެނިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި، މާޒީގައި އޮތް ސިޔާސީ ނޭދެވޭ ސަގާފަތާ ޚިލާފަށް، ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކުގައި ވަކި ބަޔަކު ހޮވުމަށް އެކުލަވައިލާ ވަކި ލިސްޓުތަކެއް މިހާރު ނޯންނާނެއެވެ. އަދި ކޮންމެ މެންބަރަކަށްވެސް އިންތިޚާބުގައި ވާދަކުރުމާއި، ކެމްޕޭން ކުރުމުގެ ފުރިހަމަ މިނިވަންކަމާއި ހަމަހަމަ ފުރުސަތު ފަހިވެފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ޒައާމަތުގައި ޕީއެންސީން ހޯދަމުންދާ ބޮޑު ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، 17 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޕާޓީގައި ތިބީ އެންމެ 3،022 މެންބަރުން ކަމަށެވެ. ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު 77،000 އަށްވުރެ މައްޗަށް އުފުލިގެން ދިޔުމަކީ، ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއްވެސް ޕާޓީއަކުން މިހާތަނަށް ހޯދާފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ކުރިއެރުމުގެ އެންމެ މުހިންމު ސިއްރަކީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕާޓީގެ އާންމު މެންބަރުންނާ ގާތުން ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ އަޑު އެއްސެވުމަށް ދެއްވާ ޚާއްޞަ އިސްކަން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ޕާޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ވަސީލަތްތަކާއެކު ޕީއެންސީގެ ޖަގަހަތައް ގާއިމުކުރެވިގެންދާނެ ކަމަށް ޢަބްދުއްރަޙީމް ހާމަކުރެއްވިއެވެ.

ހަމައެއާއެކު، ސެޕްޓެމްބަރު 15 ގައި ފެށުމަށް ތައްޔާރުވަމުންދާ ޕާޓީގެ ކޮންގްރެސްގެ ކުރިން، ސެޕްޓެމްބަރު 14 ވަނަ ދުވަހު ޕާޓީގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި ކައުންސިލަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒު ވަގުތު ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ، މިއިން ރަމްޒުކޮށްދެނީ ރައްޔިތުންނާ ގާތުން، މަޝްވަރާގެ އުސޫލުން ކަންކަން ނިންމެވުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމެވެ.



ކިޔުންތެރިންގެ ހިޔާލު