އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މިނިސްޓަރު މުހައްމަދު ސައީދު
މުޅި މާލޭ ސަރަހައްދުގެ ޓްރެފިކް އެއްކޮށް މޮނިޓާކޮށް ބެލެހެއްޓޭނެ ޒަމާނީ ފެންވަރުގެ ޓްރެފިކް ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މާލޭގެ މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި އަދި އަމާން ތަނަކަށް ހެދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މާލޭ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ މި ސަރަހައްދަކީ ވެހިކަލް ރަޖިސްޓްރީ ކޮންޓްރޯލް ކުރެވިފައިވާ ޒޯނަކަށް ހަދައިގެން ކަމަށާއި، އާ ގާނޫނުގައި އެކަން އެގޮތަށް ހިމަނާފައިވަނީ މަގުތަކުގެ އަމާންކަން ވަށާޖެހޭ ގޮތެއްގައި ކަށަވަރުކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އާ ގާނޫނުގެ ދަށުން އުފައްދާ 'ގްރޭޓާ މާލޭ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް' އަށް ލަފާދޭ 'ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމެންޓް އެޑްވައިޒަރީ ކޮމިޓީ' ގެ މެންބަރުކަން ވެސް ކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ، އަލަށް ގާއިމުކުރާ ޓްރެފިކް މޮނިޓަރިން ސެންޓަރަކީ ދިވެހި ފުލުހުންގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެ ތަނެއް ކަމަށެވެ. އަދި މި ސެންޓަރު މެދުވެރިކޮށް ވަކިވަކި މަގުތަކުގެ ހާލަތު ވަގުތުން ބަލައި، ޒަމާނީ ވަސީލަތްތަކާއެކު މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ވަގުތުން ވަގުތަށް މާލޭގެ ޓްރެފިކް މޮނިޓާ ކުރެވޭނެ މިފަދަ ސެންޓަރެއް ގާއިމުކުރުމަކީ މި މަޝްރޫއުގެ އެންމެ އަސާސީ އަދި މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި ބޭރުގެ އެހީ ހޯދައިގެން ނަމަވެސް މި ޒަމާނީ ސެންޓަރުގެ ހިދުމަތް ފެށުމަކީ ގާނޫނުގައި ވެސް ކަނޑައަޅާފައިވާ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާނެ އެއް ކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް