ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް "ކޭމްޕް ފަންވަރު" ތެރެއިން
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް "ކޭމްޕް ފަންވަރު" ތެރެއިން
ދިވެހި ވަޠަނީ ޚިދުމަތުގެ ފަރާތުން ކުރިއަށްގެންދާ، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ ފީލްޑް ކޭމްޕް "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ 2026 ސެޕްޓެންބަރު މަހުގެ 2 އަދި 3 ވަނަ ދުވަހުއެވެ.

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކޭމްޕަކީ ބައިވެރިން އާންމުކޮށް ތަމްރީނު ހޯދާ މާހައުލުން ބޭރުގައި، ދިރިއުޅުމުގެ އެކި ހާލަތްތަކާ އަމިއްލައަށް ކުރިމަތިލުމުގެ ހުނަރު އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވުނު މުހިންމު ހަރަކާތެކެވެ. އަދި ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަންނާނެ އުކުޅުތައް ދަސްކޮށްދިނުމަށާއި، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށްވެސް މި ކޭމްޕުގައި ވަނީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައެވެ.

މި ކޭމްޕުގެ ތެރެއިން ކުރިއަށްގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި ޒިންމާދާރުކަން އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަނީ އިތުރުވެގެން ގޮސްފައެވެ. މީގެއިތުރުން، ދަތި އުނދަގޫ ހާލަތްތަކުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި، ހަރުދަނާ ނިންމުންތައް ނިންމުމުގެ ޤާބިލުކަން ތަރައްޤީކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދިޔައެވެ. ހަމައެއާއެކު، އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުމާއި، އަމިއްލަ ނަފްސު ދެނެގަނެ، ނަފްސު ތަރައްޤީކުރުމަށްވެސް މި ހަރަކާތްތަކުގެ ތެރެއިން ބާރުއަޅާފައިވެއެވެ.



ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނުތަކުގެ ތެރެއިން، ދަރިވަރުންގެ ކިބައިގައި އިސްނަގައިގެން ކަންކަން ކުރުމުގެ ޤާބިލުކަމާއި، ލީޑަރޝިޕް ސިފަތަކުގެ އިތުރުން، އަމިއްލަ ދިރިއުޅުމަށް ބޭނުންވާނެ އެތައް އަސާސީ ހުނަރުތަކަކަށް ވަނީ އަމަލީ ގޮތުން އަހުލުވެރިކޮށްދީފައެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 3 ވަނަ ބެޗުގެ ދަރިވަރުން މިހާރު ގުނަމުންދަނީ މި ތަމްރީނުގެ 13 ވަނަ ހަފުތާއެވެ. މި ބެޗުގައި 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 341 ދަރިވަރުން ތަމްރީނު ފުރިހަމަކުރަމުން އެބަދެއެވެ.

މި ބެޗުގެ ދަރިވަރުން ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ދަސްވެނިވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު