ރާއްޖެއިން ސީ ޕްލޭން ގެންގޮސްގެން އިންޑިއާގައި ސީ ޕްލޭން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމުގެ ޚަބަރުތައް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރި ގޮތާއިމެދު އަސްކަރީ ތަޖުރިބާކާރު އަލީ އިހުސާން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަށްވައިފިއެވެ.

އިންޑިއާގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުން ދިވެހި ރާއްޖެމަތިން ހަނދާން ނައްތާލުމަށް ބުނެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ސުރުޚީއަކާއެކު ކުރެއްވި ޓްވީޓެއްގައި ހިންދީ ބަހުން އިހުސާން ވިދާޅުވީ "ޖަބް ނީޔަތު ޚަރާބު ހޭތޯ ބަޣްވާސް ހީ ލިކޭނގޭ" ކަމަށެވެ.

ރާއްޖޭގެ އެހީއާއެކު އިންޑިއާގައި ސީ ޕްލޭން ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި އެކަމަށްޓަކައި މޯލްޑިވިއަންގެ ސީ ޕްލޭނެއް ވަނީ ޗާޓަރުކޮށްގެން އިންޑިއާއަށް ގެންގޮސްފައެވެ. އިންޑިއާގައި ސީ ޕްލޭން ހިދުމަތް ފަށާއިރު އެކަމުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ޕައިލެޓުންނާއި ރާއްޖޭގެ ކުރޫއިންނެވެ.



އިންޑިއާގައި ސީ ޕްލޭން ދަތުރުތައް ފެށުމަށް ގާތްވެފައިވާއިރު، އިންޑިއާގެ ނޫސްތަކުން އެކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ދަނީ ކުރަމުންނެވެ. އިޝްތިހާރުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދަނީ އިންޑިއާއިން ސީ ޕްލޭން ދަތުރުތައް ފެށުމާ ގުޅޭގޮތުން ގެންނަ ޚަބަރުތައް ބައްޓަން ކުރުމުގައި ރާއްޖޭގެ އެ ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ކަނޑައެޅިގެން ޚަބަރުތަކާއި ރިޕޯޓްތައް ބައްޓަން ކުރަމުންދާތީއެވެ.

މިގޮތުން އެންމެ ގިނަ ދިވެހިން ރުޅި އައީ އިންޑިއާގެ މަޝްހޫރު ޓައިމްސް އޮފް އިންޑިއާ ނޫހުން މިޚަބަރު ގެނައި ގޮތުންނެވެ. އެނޫހުން ރިޕޯޓްކުރި ޚަބަރުގެ ސުރުހީ ފަށަނީވެސް "ރާއްޖެ މަތިން ހަދާން ނައްތާލަން" ބުނަމުންނެވެ. ދެން ބުނެފައިވަނީ އިންޑިއާގައިވެސް މިހާރު ސީ ޕްލޭންގެ ޚިދުމަތް ލިބޭނެ ވާހަކައެވެ. ސުރުހީ އޮތްގޮތުން އެ ޚަބަރުގައި އޮތް އެއްޗެއް ދިވެހިން ބަލާކަށްވެސް ބޭނުމެއް ނުވިއެވެ. އެހާވެސް ދިވެހިންގެ ގާތަށް ރުޅި އައިސްފިއެވެ. އެކަން ފެންނަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ޕޯސްޓްތަކުންނެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގައި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަސްކަރީ ތަޖުރިބާކާރު އަލީ އިހުސާން ވިދާޅުވީ، އިންޑިއާއަކީ ގާތް ރަހުމަތްތެރި ޤައުމަކަށްވާނަމަ މިފަދަ ސުރުހީތައް ނޫސްތަކުގައި ނުޖަހާނެކަމަށެވެ. އަދި މިފަދަ ސުރުހީތައް ނޫސްތަކުގައި ލިޔަނީ އެމީހުންގެ ނިޔަތްވެސް ނުބައިވުމުންކަމަށް، ހިންދީ ބަހުން އިހުސާން ވަނީ ވިދާޅުވެފައެވެ.



ޓައިމްސް އޮފް އިންޑިއާއިން ގެނައި ޚަބަރާމެދު ރުޅި އައީ ހަމައެކަނި އިހުސާނެއް ނޫނެވެ. އޭވިއޭޝަން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސި މީހުންނާއި ނޫސްވެރިންނާއި ޤައުމުގެ ކަމުވޮށިގެންވާ ގިނަ ބަޔަކު މިކަމާ ވަރަށް ރުޅިގަވެގެން "ބަވަނީ"އެވެ. ހަގީގަތުގައި ދިވެހިންގެ ބުރަ މަސައްކަތުން ކުރިއެރުވި ސީ ޕްލޭން އިންޑަސްޓްރީ "ފުނޑާލުމަށް" އިންޑިއާއިން މަސައްކަތް ފެށުމުން ރުޅި ނާންނާނެ އެކަކުވެސް ނުހުންނާނެ ކަމަށް ސޯޝަލް މީޑިއާގައި ކޮމެންޓް ކޮށްފައިވާ މީހުން ބުނެފައި ވެއެވެ.

"އަޅުގަނޑުމެންގެ މަތިންދާބޯޓު ގެންގޮސްގެން، އަޅުގަނޑުމެންގެ ޕައިލެޓުންނާއި ކުރޫއިން ބޭނުންކޮށްގެން ސީ ޕްލޭން ހިދުމަތް ދޭން ފަށަން ތައްޔާރުވާ ބަޔަކު، ރާއްޖެ މަތިން ހަދާން ނައްތާލާށޭ ބުނަނީ "ލަދު ހަޔާތުގެ" ކަންފުޅެއްވެސް ނެތީމައެވެ. ނޫނީ މިއީ ސީދާ ދިވެހިން ރުޅި އަރުވަމުން ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެކެވެ." ރުޅި ގަދަވެގެން ޝުޢޫރުތައް ބަންޑުން ކޮށްލާފައިވާ ބައެއް މީހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު