ރާއްޖެއަށް ޒިޔާރަތްކުރުމަށް ހައްދާ ބުކިންގތައް 500 އިންސައްތަ އިތުރުވެއްޖެއެވެ.

ޓްރެވަލް އޭޖެންޓުންނާ ޙަވާލާދީ ޚަބަރުތައް ބުނާގޮތުން އިނގިރޭސިވިލާތުން ލުއި ދިން ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ލުމާއެކު، ރާއްޖެ ޒިޔާރަތްކުރަން ބުކިންތައް ހައްދަމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން ރާއްޖެ އަންނަން ބުކިންގްސް ހެއްދި މީހުންގެ އަދަދު 500 އިންސައްތަ އިތުރުވެފައިވާކަމަށް ޓްރެވަލް އެޖެންޓުން ބުނެއެވެ.

ބައެއް ޓްރެވަލް އެޖެންޓުން ބުނާގޮތުން ބުކިންސްތައް ހެއްދި އަދަދު އިތުރުވެފައިވާއިރު، ރާއްޖެއާބެހޭ މަޢުލޫމާތު ހޯދާ މީހުންގެ އަދަދުވެސް އެތައް ގުނައެއް އިތުރުވެފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އަޑިއަޅާލާފައިވާ ޓްރެވަލް އިންޑަސްޓްރީއަށް އުއްމީދުތަކެއް ލިބިގެންގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ރާއްޖެ އަންނަން ބުކިންސްތައް ހައްދާ އަދަދު އިތުރުވުމާ ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ވަރަށް އުފާވެރި ޚަބަރެއްކަމަށެވެ. އަދި މިއީ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ މަސައްކަތުން ފެންނަ ނަތީޖާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



އިނގިރޭސިވިލާތުން ދަތުރުކުރުން ރައްކާތެރި ޤައުމުތައް ނުވަތަ "ޓްރެވެލް ކޮރިޑޯ"ގެ ތެރޭގައި ރާއްޖެ ހިމަނާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މިއާއެކު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ޤައުމަށް ދިއުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެއެވެ. އިނގިރޭސިވިލާތުން ޤައުމުތަކަށް ލުއިދެނީ ކޯވިޑް19 ގެ ހާލަތަށް ބެލުމަށްފަހުގައެވެ. އެގޮތުން ޓްރަވަލް ކޮރިޑޯގައި ގައުމެއް ހިމެނުމުގައި އެ ޤައުމެއްގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރާއި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލައެވެ. އިނގިރޭސި ވިލާތުން ރާއްޖެއަށް ލުއިދީފައިމިވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ވަރަށް ބޮޑަށް މަދުވެފައިވާތީއާއި ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އަޅާފައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން