ޑރ. ޝާހް މާހިރު
ޑރ. ޝާހް މާހިރު
ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމާގެ ހުރިހާ ބޭސްފިހާރައެއްގެ ސްޓޮކް ވަގުތުން މޮނިޓަރކުރެވޭނެ ޒަމާނީ ޑިޖިޓަލް ނިޒާމެއް އެ ކުންފުނިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މި ނިޒާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާމަސީތަކުން ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ޤާއިމުކުރެވުނު ނިޒާމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ބޭސް ލިބުމުގައި ކުރިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މާލެއާއި އަތޮޅުތެރޭގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު އެއް ވިއުގައަކުން ކަށަވަރު ނުކުރެވުން ކަމަށެވެ. ނަމަވެސް އަލަށް ތަޢާރަފުކުރެވުނު މި ޒަމާނީ ނިޒާމާ އެކު އެކަމަށް އެދެވޭ ހައްލެއް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ބޭހުގެ ސްޓޮކް ހުރިނެތްގޮތް އޮންލައިންކޮށް ބަލައިލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަންވެސް ޑރ. ޝާހް ފާހަގަކުރެއްވިއެވެ.

ޝާހް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މުޅި އަހަރަށް ބޭނުންވާ މިންވަރު ދުރާލައި އަންދާޒާކޮށް، އޯޑަރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ. މިގޮތުން ބޭސް އެތެރެކުރުމަށްޓަކައި ބޭރުގެ ތިން ކުންފުންޏަކާ އެކު މިހާތަނަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، އިތުރު ފަރާތްތަކާ އެކު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭސް ރައްކާކުރާނެ ފެންވަރު ރަނގަޅު ޒަމާނީ ގުދަންތައް ހެދުމާއި، ހޮސްޕިޓަލްތަކުގައި ފާމަސީތައް ހުޅުވުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާއިރު، އަންނަ އަހަރުގެ މެދުތެރޭގައި މި ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ޝާހް ލަފާކުރެއްވިއެވެ.

ސްޓޭޓް ފާމާގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުވައްޒަފުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމްތަކެއް ފަށާފައިވާއިރު، ޑޮކްޓަރު ލިޔެދެއްވާފައިވާ ބޭހެއް ވަކި ފާމަސީއަކުން ލިބެން ނެތް ޙާލަތެއްގައި، އެ ބޭސް ލިބެން ހުރި އެހެން ފާމަސީއެއްގެ މަޢުލޫމާތު ވަގުތުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި، މުޅި ރާއްޖެއިން ހުސްވެފައިވާ ބޭހެއްނަމަ އެ ބޭހަކަށް ވަގުތުން އޯޑަރުކޮށްދިނުމުގެ ޚިދުމަތް ވެސް އެކުންފުނިން މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.

ސްޓޭޓް ފާމާއިން މީގެ ކުރިން ވަނީ، ބޭހާއި ގުޅޭ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ދުވަހުގެ 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިން ނަންބަރު 1505 ގެ ޚިދުމަތްވެސް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު