ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއް
ދެކުނުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅުންހުރި ސީރިއަސް މައްސަލައަކަށް ވާތީ، ކުއްޖާގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުންގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަރަށް ސީރިއަސްކޮށް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާއިރު، ދާދިފަހުން ވެސް ދެކުނުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ. އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ އަހަރުގެ މިހާތަނަށް އެކަނިވެސް ޖިންސީ ކުށުގެ 185 މައްސަލައެއް ފުލުހުންގެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު