ތ. ގުރައިދޫ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ތ. ގުރައިދޫ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ 15 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ މަގުތަކުގައި ކޭބަލް ޖަންކްޝަންތައް ކާސްޓްކުރުމުގެ މަސައްކަތް ކަމަށެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ

ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ގުރައިދޫގެ 10 މަގެއްގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ. އެއީ ޖުމްލަ 2.86 ކިލޯމީޓަރުގެ މަގެވެ. މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން 69.22 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިފްތިތާޙު ކޮށްދެއްވި މަޝްރޫޢެކެވެ.

މި މަސައްކަތް ކުރުމަށް އާރްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 7 އޮގަސްޓް 2025 ގައެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢު ނިމުމުން، ވިއްސާރަ މޫސުމުގައި ގުރައިދޫގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ދަތުރުފަތުރަށާއި އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު