އަމީނީ މަގު ސެގްމެންޓު 3 ގައި ތާރު އަޅާފައި، ފޮޓޯ: އެމްޓީސީސީ
އަމީނީ މަގު ސެގްމެންޓު 3 ގައި ތާރު އަޅާފައި، ފޮޓޯ: އެމްޓީސީސީ
މާލޭގެ މައި މަގެއް ކަމަށްވާ އަމީނީ މަގު ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ސެގްމެންޓް 3 ގެ މަސައްކަތްތައް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

އަމީނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ސެގްމެންޓް 3 ގައި ކުރަންޖެހޭ ރޯޑް މާކިންގެ މަސައްކަތްތަކާއި ޖަންކްޝަންތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނޭހެން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަހައްދު ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި ސެގްމެންޓަކީ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ކޯރިކެނޑި ހިނގުމާ ހަމައަށް އޮތް ބައެވެ.

އަމީނީ މަގު މަރާމާތުކުރުމުގެ ބޮޑު މަޝްރޫޢު އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން، މަގުގެ މަސައްކަތްތައް އެކި ސެގްމެންޓްތަކަށް ބަހާލައިގެން ޢަމަލީ ގޮތުން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ސެގްމެންޓް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. އަދި ސެގްމެންޓް 2 އަކީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރު އެޅުމުގެ މަސައްކަތެވެ. މި ދެ ސެގްމެންޓުގެ މަސައްކަތްތައް މީގެކުރިން ކާމިޔާބުކަމާއެކު ނިންމައި، ތާރުއަޅައި މިހާރު ވަނީ އާންމުންގެ ދަތުރުފަތުރަށް ރަސްމީކޮށް ހުޅުވާލާފައެވެ.

ސެގްމެންޓް 3 ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު، މަޝްރޫޢުގެ ހަތަރު ވަނަ ސެގްމެންޓަކީ ކޯރިކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮތް ސަރަހައްދެވެ.

އަމީނީ މަގަކީ ޒަމާނުއްސުރެ ވިއްސާރަ މޫސުމުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އައި މަގަކަށް ވާތީ، މި މަޝްރޫޢު ނިމުމުން އެ ސަރަހައްދުގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް