ތުއްތު ކުއްޖެއް ނިދާފައި-
ތުއްތު ކުއްޖެއް ނިދާފައި-
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި އުފަންވި ކުދިންގެ އަދަދު ބޮޑުތަނުން މަދުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކޮންމެ ތިން މަހަކުން އެއްފަހަރު ނެރޭ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި އުފަންވެފައިވަނީ ޖުމްލަ 2،538 ކުދިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި އުފަންވި 2،806 ކުދިންނާ އަޅާބަލާއިރު 268 ކުދިންގެ މަދުވުމެކެވެ. މިއީ އިންސައްތައިގެ ގޮތުން ބަލާއިރު %9.5 ގެ ދަށްވުމެކެވެ.

ޖިންސުގެ ތަފާތަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަހު އުފަންވީ 1،309 ފިރިހެން ކުދިންނާއި 1،229 އަންހެން ކުދިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދުތައް ހުރީ 1،407 ފިރިހެން ކުދިން އަދި 1،399 އަންހެން ކުދިންނެވެ.

ޖޯގްރަފީ ގޮތުން ކުދިން އުފަންވި ސަރަޙައްދުތަކަށް ބަލާއިރު، މި މުއްދަތުގައި އުފަންވި ކުދިންގެ ބޮޑު އިންސައްތައެއް ކަމަށްވާ %70 ކުދިން ވިހާފައިވަނީ މާލެ ސަރަޙައްދުގެ ހޮސްޕިޓަލުތަކުގައެވެ. އަދި އަތޮޅުތަކުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ވިހާފައިވަނީ އެންމެ %30 ކުދިންނެވެ. މީގެއިތުރުން، މި މުއްދަތުގައި ވިހެއި މައިންގެ އުމުރުފުރައަށް ބަލާއިރު، އެންމެ ގިނަ ކުދިން އުފަންވެފައިވަނީ އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މައިންނަށެވެ.

ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަހު 813 މީހުން ވަނީ ނިޔާވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ނިޔާވި 703 މީހުންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ނިޔާވި މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 65 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނެވެ. އަދި ނިޔާވި މީހުންގެ ތެރޭގައި 89 ބިދޭސީން ހިމެނޭއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ނިޔާވެފައިވަނީ 72 ބިދޭސީންނެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް މިގޮތަށް ދަށްވަމުން ދިޔުމަކީ ކުރިމަގުގައި ރާއްޖޭގެ އާބާދީއަށާއި ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ބަޔާންކުރެއެވެ. ޒުވާން އާބާދީ މަދުވެ، ދޮށީ އުމުރުގެ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، މުސްތަޤުބަލުގައި މަސައްކަތްކުރާނެ އުފެއްދުންތެރި އާބާދީއެއް ނެތުމުގެ ނުރައްކާ އޮތްކަން މާހިރުން ފާހަގަކުރެއެވެ.

އުފަންވާ ނިސްބަތް ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން ކައިވެނިކުރުމާއި ދަރިން ހޯދުން ފަސްކުރުން ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގައި ވަރި ގިނަވުމާއި، ޢާއިލީ ދިރިއުޅުމަށް ކުރިމަތިވާ އެކި ކަހަލަ އިޖުތިމާޢީ މައްސަލަތަކަކީ ވެސް މިކަމަށް މަގުފަހިވާ މުހިންމު ސަބަބުތަކެއް ކަމުގައި ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު