ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނުވަދެގެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި، ވަޒީފާގެ ބިރުދެއްކުމަކީ ފާއިތުވި ސަރުކާރުތަކުން ކޮށްފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތަކީ ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ފޯރިއާއެކު ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް އޭނާއަށް ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި، ޕާޓީއަކަށް ވަނުމާއި ނުވަނުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޤާނޫނީ ޙައްޤެއް ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސިޔާސީ ޕާޓީއަކަށް ނުވަދެގެން ވަޒީފާތައް ގެއްލިފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ލޯކުރިމަތީ ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް ކުލަ ކާޑު ދައްކައިގެން ދިއުމަށް މަޖުބޫރު ކުރުވީ. މިއަދު މިކަންކަން ކުރުވި ސިޔާސީ ވެރިން މިފަދަ ވާހަކަތައް ދެއްކީމާ ރައްޔިތުން ބަލައެއް ނުގަންނާނެ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕާޓީއެއްގެ ދަފްތަރުގައި އެއްވެސް މީހަކަށް ނޭނގި ރަޖިސްޓްރީވެފައިވާނަމަ އެކަން ރިޕޯޓްކުރުމަށް ފުރުޞަތު ހުޅުވާލި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ނުޙައްޤުން އެއްވެސް މީހަކު ޕާޓީގައި ދަފްތަރު ކުރެވިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށާއި، މިވަގުތު ރާއްޖޭގައި އޮތް އެންމެ "ޙަލާލު" މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އިދިކޮޅު ފަރާތްތަކަށާއި ޕާޓީގެ ހިންގުމަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ވެރިކަމުގައި އުޅުއްވި ދުވަސްވަރު ޕާޓީގެ އޮފީސް ދޫކޮށް "ގަނޑުވަރު" ތަކުގައި ޕާޓީގެ މަސައްކަތް ހިންގައި، ޕާޓީ ބަނޑުދަށުލައިގެން އުޅުނު ބޭފުޅުންނަށް ސިޔާސީ ޕާޓީ ހިންގާނެ ގޮތް ނޭނގިދާނެ ކަމަށެވެ. އަދި ޕާޓީގެ މަޤާމުތަކުގައި ތިބެ، ޕާޓީގެ ޙަރަކާތްތަކަށް ނުނިކުމެ ފިލައިގެން އުޅުނު ފަރާތްތަކަށްވެސް ޕާޓީ ހިންގުމުގެ އަސްލު ނޭނގޭނެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ބައެއް ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ، އެސްއޯއީތަކުގެ މުވައްޒަފުންނަށް ޕީއެންސީއަށް ސޮއިކުރުމަށް މަޖުބޫރުކުރުވަމުން ދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު