ހުކުރު ޚުތުބާއެއް އިއްވަނީ--
ހުކުރު ޚުތުބާއެއް އިއްވަނީ--
ކުޑަކުދީންނަކީ މާތް ﷲ ދެއްވާފައިވާ އަގުހުރި އަމާނާތަކަށް ވީހިނދު، އެ ކުދީންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކޮށް، އެ ކުދީންނަށް އިހުމާލުނުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި މުޖުތަމަޢަށް ގޮވާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި "ކުޑަކުދީންގެ ޙައްޤުތައް" މި މައުޟޫޢުގެ ޚުތުބާގައި، ފާއިތުވި ހަފުތާގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހާދިސާއާއި، ޢިމާރާތެއްގެ މަތިން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ހިތްދަތި ޚަބަރު ފާހަގަކުރައްވައި، އެ ކުދީންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އަދި އަމިއްލަ ނަފުސާއި އަހުލުވެރިން ނަރަކައިގެ އަޒާބުން ސަލާމަތްކުރުމަށް އަންގަވާފައިވާ އަމުރުފުޅުގެ ދަށުން، ކުޑަކުދީންނަށް އިހުމާލުވުމަކީ ބޮޑުވެގެންވާ ފާފައެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ މުޢާހަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ އެތައް ޒަމާނެއް ކުރިން އިސްލާމްދީނުގައި ވަނީ ކުޑަކުދީންގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން ކުއްޖަކު ދުނިޔެއަށް އުފަންވުމާއެކު ރިވެތި، މާނަ ފުރިހަމަ ނަމެއް ދިނުމާއި، އަނިޔާވެރިކަމާއި ގަނާކުރުމާއި ތަފާތުކުރުންތަކުން އެ ކުދީން ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގައި ލާޒިމުކޮށްފައިވާ ކަންކަމެވެ.

ހަމައެއާއެކު، ދަރީން ތަރުބިޔަތުކުރުމުގައި ޢިލްމާއި އަޚުލާޤުގެ އިތުރުން ރޫޙާނިއްޔަތު ވަރުގަދަކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި، އުމުރުން ހަތް އަހަރު ފުރުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދު ނާޅައި ކުރުމަށް ބާރުއެޅުމުގެ ގޮތުން އިސްލާމީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމަށް މައިންބަފައިންނަށް އިރުޝާދު ދިނެވެ.

ކުޑަކުދީންނަށް އޯގާތެރިނުވާ މީހުންނަކީ މުސްލިމުންގެ ތެރެއިންވާ ބައެއް ނޫންކަން ނަބަވީ އިރުޝާދުތަކުން ސާބިތުވާކަން ފާހަގަކުރައްވައި، ބައެއް ބެލެނިވެރިންނާއި މީހުންގެ ފަރާތުން ކުދީންނަށް ލިބޭ ލާއިންސާނީ އަނިޔާތަކާމެދު ޚުތުބާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް