އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ރާއްޖޭގައި ހުންނަވައިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަށް ޗައިނާއިން ވަރުގަދަ ހޫނު ރައްދެއް ދީފިއެވެ.

އެމެރިކާގެ ފޮރިން ސެކްޓަރީ ޕޮމްޕިއޯ ރާއްޖެ އަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ އަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ އިން ވަނީ އިނގިރޭސި ބަހުންނާ ޗައިނާ ބަހުން ބަޔާނެއް ނެރެ އާންމުކޮށްފައެވެ.

ޕޮމްޕިއޯ އިއްޔެ ވިދާޅުވީ ޗައިނާގެ އަމަލުތައް ހުރި ގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން ކުރިއަށް ވުރެ މުހިއްމު ވެފައިވާ ކަމަށެވެ. ޗައިނާގެ ކުންފުނިތަކުން ކަނޑަށް ކުނި އަޅައި ތިމާވެއްޓަށް ގެއްލުންދެމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޕޮޕްޕިއޯގެ އެ ވާހަކަތަކަށް ރައްދުދީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ދިގު ބަޔާނެއް ޓްވިޓާގައި ހިއްސާކުރެއްވީ އެ ގައުމުގެ ސަފީރު ޖަންގް ލިޖޮންގް އެވެ. އެ ޓްވީޓްގައި އެ ބަޔާން ހިއްސާކުރައްވައި "މާލޭގެ މޫސުން މިއަދު ރީތި" ކަމަށް ވިދާޅުވެ، ޗައިނާގެ އެހީ އާއި އެ ގައުމުން ނެގި ލޯނަކުން ފަންޑުކޮށްގެން ހަދާފައިވާ ސިނަމާލެ ބްރިޖްގެ ފޮޓޯއެއް ސަފީރު ވަނީ ހިމަނުއްވާފައެވެ. ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕޮމްޕިއޯގެ ދަތުރުގައި ވަރުބަލިކަމެއް ނެތި ފެތުރުއްވީ ޗައިނާއާ ބެހޭ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ މަސައްކަތްކުރެއްވީ ޗައިނާ އާއި ދިވެހިރާއްޖެ، ޖެއްސުމަށް ކަމަށް ބަޔާނުގައިވެއެވެ.

"އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ސުލްހަވެރި އަދި ހަމަޖެހޭ ބައިނަލްއަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެކެވެ." އެމެރިކާ އަށް ފާޑުކިޔައި ޗައިނާގެ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ތަރައްގީ އާއި މިނިވަން ސުލްހަވެރި ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެއް ކަން ފާހަގަކޮށް އެބަޔާނުގައި ބުނެފައިވަނީ ގައުމުތަކުން އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ވަކި ފަރާތަކަށް ޖެހުމަށް ކުދި ގައުމުތަކަށާއި މެދު ފަންތީގެ ގައުމުތަކަށް ޕޮމްޕިއޯ ފާޅުގައި ބާރުއަޅުއްވަމުން ގެންދަވާ ކަަމަށެވެ. ޗައިނާއިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު އަސްކަރީ ގޮތުން ބޭނުންކުރާ ކަމަށް ވިދާޅުވެ ޕޮމްޕިއޯ ދެއްކެވި ވާހަކަތަކަށް ރައްދުދެމުން ޗައިނާގެ ބަޔާނުގައި ބުނީ އެ ސަރަހައްދު "މިލިޓަަރައިޒް ކުރަން" ޖެހުނު ސަބަބަކީ އެމެރިކާ ކަމަށާއި އެއީ އެމެރިކާ އިން ޗައިނާގެ ސަރަހައްދުގެ ކައިރީގައި އަސްކަރީ ހަރަކާތްތައް ހިންގުމުން ކަމަށެވެ.

އެމެރިކާއިން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާ ވާހަކަ ޕޮމްޕިއޯ ވިދާޅުވުމުން އެއީ ޖޯކެއްގެ ގޮތުގައި ބަޔާނުގައި ސިފަކޮށްފައިވެއެވެ. ޗައިނާ އެމްބަސީން ބުނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޗައިނާ އިން އަންނަނީ ނެޝަަނަލް ކްލައިމެޓް ޗޭންޖް ސްޓްރެޓެޖީއަކަށް އަމަލުކުރަމުން ކަމަށާއި 2060 ވަަނަ އަަހަރާ ހަަމައަށް ދާއިރު ކާބަން ނިއުޓްރަލް ގައުމަކަށް އެ ގައުމު ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އޭގެ ބަދަލުގައި އެމެރިކާ ވަނީ ތިމާވެށީގެ ހިމާޔަތަށް ހަދާފައިވާ ޕެރިސް އެގްރިމެންޓުން ވެސް ވަކިވެފައި ކަމަށް ޗައިނާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕޮމްޕިއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަދި އިދިކޮޅުން ވެސް ވަނީ ޕޮމްޕެއޯގެ ދަތުރަށް މަރުހަބާ ކިޔައި ބަޔާނެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން