މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު
ކުޅިވަރުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު ކުޅިވަރު މުއައްސަސާތަށް ދެފުށް ފެންނަ ގޮތަށް ހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.ހަސަން ލަތީފް ވިދާޅުވީ ކުޅިވަރު ޤާނޫނަށް އިސްލާހު ހުށައެޅުއްވީ ކުޅުންތެރިންނާއި ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށްކަމަށެެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑެމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށެވެ. އަދި ކުޅިވަރާއި، ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމަށާއި، ހަސަން ލަތީފް ހުށަހެޅުއްވި ބިލުން އެކަަންކަން ހާސިލުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. މީގެއިތުރުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށްވެސް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.

ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގެ ފުށު އެރުންތައް ނައްތާލައި، އެ މުއައްސަސާތައް ޑިމޮކްރެޓިކްކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގުން ހިމެނެއެވެ. މީގެއިތުުރުން ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެ ފުށް ފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ކުރިއަށްދާ އިންތިޚާބުތަކަކަށް ހެދުމަކީވެސް މިބިލުގެ މަޤްޞަދެއް ކަމަށް އެމްޑީީޕީން ބުނެފައި ވެއެވެ.

އެމްޑީޕީން ކުޅިވަރުގެ ގާނޫނަށް އިސްލާހު ތަކެއް ހުށައަޅާފައި މިވަނީ މިފަހުން ބޭއްވި ބައެއް ކުޅިވަރު އެސޯސިއޭޝަން ތަކުގެ އިންތިޚާބުތައް ކުރިއަށް ގެންދިއުމާމެދު އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ބޮޑަށް ޚިޔާލުތަފާތުވެ ބައެއް އިންތިޚާބުތައް ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބު ނުވެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ފަރާތްތަކާއި އެމެންބަރުންނާއި ދެމެދު ހިތްހަމަ ނުޖެހުންތައްވެސް ހިނގާފައި ވަނިކޮށެވެ. އެގޮތުން އެފްއޭއެމްގެ އިންތިޚާބު ހުއްޓުވައި ދިނުމަށް ރައްޔިތުން މަޖިލިސް މެދުވެރިކޮށްވެސް އެ މެންބަރުން މަސައްކަތް ކުރަށްވާފައި ވެއެވެ.

ރާއްޖޭގައި ހިންގާ ބައެއް ކުޅިވަރު އެސޯސިއޭޝަން ތަކަކީ ބައިނަލްއަޤްވާމީ ކުޅިވަރު ޖަމިއްޔާތަކާއި ގުޅިގެން އެޖަމިއްޔާތަކުގެ ބަސްކިއުމާއެކު ވަކި އުސޫލު ތަކެއްގެ މަތިން ހިންގާ އެސޯސިއޭޝަން ތަކަށް ވުމުން އެފަދަ އެސޯސިއޭޝަން ތަކުގެ ހިންގުމާއި އިންތިޚާބު ތަކުގެ ތެރެއަށް ސިޔާސީ ފަރާތްތަކުން ގޮތް ކިޔައި "އަތްބާނައި" ނުފޫޒު ފޯރުވައި ހެދުމަކީ ބައިނަލްއަޤްވާމީ ކުޅިވަރު އެސޯސިއޭޝަން ތަކުން ފިޔަވަޅު އަޅަމުންދާ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން