މަސްވެރިން
މަސްވެރިން
މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖަހައި، މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މަސްވެރިކަމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ މަސްވެރިކަން އޮތީ ފުން އަނދަވަޅެއްގައިކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، ސްޕޯޓްސް ފިޝިންއަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާވަމުން އަންނަ އެއް ދާއިރާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ލިބޭ އެއް ރިކުއެސްޓަކީ ސްޕޯޓްސް ފިޝިންއަށް ވަކި ސަރަހައްދުތަކެއްގައި ބަނދަރުތައް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނަށް ގެނެވުނު ދެ ވަނަ އިސްލާހުގެ ދަށުން ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސްޕޯޓްސް ފިޝިންގ އަދި އެކަހަލަ ހަރަކާތްތަކަށް ހާއްސަ ބަނދަރުތައް ހެދުމަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން މެދުކެނޑުމެއްނެތި ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ކުރިން ހުރި ގާނޫނީ ހުރަސްތައްނެތި، ސްޕޯޓްސް ފިޝިން ފެސިލިޓީތައް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތަކާ ގުޅޭ ފެސިލިޓީތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު މުހިންމު ކަމެއް ކަމަށާއި، ފަތުރުވެރިންނަށާއި ދިވެހި ރައްޔިތުންނަށް ރައްކާތެރި ފަސޭހަ މާހައުލެއްގައި މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަލަށް ތައާރަފު ކުރެވިފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިން، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ހާއްސަ ބަނދަރުތަކުގައި، އުޅަނދުފަހަރު ބަނދަރުކުރުމާއި ސާވިސްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ އިތުރުން، މަސް ކިރުމާއި ޕްރޮސެސްކުރުމުގެ ހިދުމަތާއި، މަސްވެރިކަމަށް ބޭނުންވާ އާލާތްތަކާއި ސާމާނު ވިއްކުން ފަދަ ހިދުމަތްތައް ވެސް ހާއްސަ ބަނދަރުތަކުގެ ތެރެއިން ފޯރުކޮށްދިނުމަށް ގާނޫނީ ބިންގާ ވަނީ ރަނގަޅަށް ބިނާ ކުރެވިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދިވެހި މަސްވެރިންނަކީ ގައުމުގެ ތަރައްގީ ބިނާވެފައިވާ އެންމެ މުހިއްމު އެއް ތަނބު ކަމަށާއި، ޤައުމުގެ އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ދިވެހި މަސްވެރިން ގިނަ ގުރުބާނީތަކެއް ވެފައިވާ ކަމަށެވެ. ވުމާއެކު، ދިވެހި މަސްވެރިންނަށް ހައްގު ތަނަވަސްކަމާއި ގަދަރު ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް ވާޖިބު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު