ކޮންސްޓްރަކްޝަން ސައިޓެއް-
ކޮންސްޓްރަކްޝަން ސައިޓެއް-
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް ދިހަ އިންސައްތައަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ބިލާއެކު އިތުރު ހަ ބިލެއް ވެސް ރައީސް ވަނީ ތަސްދީގުކުރައްވާފައެވެ. ގާނޫނަށް ގެނައި މި ބަދަލާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން މަޝްރޫއުތައް ހޯދުމުގައި ބޭރުގެ ފަރާތްތަކަށް މީގެކުރިން އޮތް ނާޖާއިޒު ފައިދާތައް ނިމުމަކަށް އައިސް، ދިވެހި ކުންފުނިތަކާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 55 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.

ވިތުހޯލްޑިން ޓެކުހަކީ ރާއްޖޭގައި ރަޖިސްޓްރީނުވާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދިވެހި ވިޔަފާރިތަކުން ހަވާލުކުރާ މަސައްކަތްތަކުގެ އަގުން ކަނޑައި، މީރާއަށް ދައްކަންޖެހޭ ފައިސާއެކެވެ. މީގެކުރިން ފަސް އިންސައްތައިގައި އޮތް މި ޓެކްސް ދިހަ އިންސައްތައަށް ބޮޑުކުރުމުގެ މައިގަނޑު މަގުސަދަކީ ކޮންސްޓްރަކްޝަން ދާއިރާގައި ދިވެހިންނަށް ހަމަހަމަ މާހައުލެއް ހޯދައިދިނުމެވެ.

މި އިސްލާހު ތަންފީޒުވާން ފެށުމާއެކު، ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއަށް އަހަރަކު ގާތްގަނޑަކަށް 251 މިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު