ސްރީލަންކާގެ ކުރީގެ ރައީސް މައިތިރީޕާލާ ސިރިސޭނާ
ސްރީލަންކާގެ ކުރީގެ ރައީސް މައިތިރީޕާލާ ސިރިސޭނާ
ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ޓެމްޕަލް ޓްރީސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ޤައުމުގެ ކުރީގެ ރައީސް މައިތިރީޕާލާ ސިރިސޭނާއަށް "އެންމެ އުފާވެރި ދައުރުގެ ރައީސް" ގެ ޝަރަފު އަރުވައިފިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ކުރީގެ ރައީސް ސިރިސޭނާ ބައިވެރިވެވަޑައިގެންނެވި އިރު، ބައިނަލްއަޤުވާމީ މެހުމާނުންގެ ތެރޭގައި މަޝްހޫރު "ކޭޖީއެފް" ފިލްމު ސީރީޒްއިން އާންމުންގެ މަޤުބޫލުކަން ހޯދި އިންޑިއާގެ އެކްޓަރު ގަރުޑާ ރާމް ބައިވެރިވިއެވެ.

މި ހަފުލާގައި ސްރީލަންކާއާއި ބޭރުގެ ޤައުމުތަކުގެ އިސް ވިޔަފާރިވެރިންނާއި، އެންޓްރަޕްރެނަރުންގެ އިތުރުން ތަފާތު ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި މަޝްހޫރު އެކި ޝަޚުޞިއްޔަތުތައް ބައިވެރިވެވަޑައިގެންނެވިއެވެ.



ސްރީލަންކާގެ ކުރީގެ ރައީސް މައިތިރީޕާލާ ސިރިސޭނާ އަށް "އެންމެ އުފާވެރި ދައުރުގެ ރައީސް" ގެ ޝަރަފު އަރުވަނީ


މައިތިރީޕާލާ ސިރިސޭނާއަކީ 2015 އިން 2019 އަށް ސްރީލަންކާގެ 7 ވަނަ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބަލިކުރެއްވުމަށްފަހުއެވެ.

ސިރިސޭނާގެ ދައުރުގައި ޤާނޫނުއަސާސީއަށް މުހިންމު އިޞްލާޙުތަކެއް ގެނެވުނު ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު ސިޔާސީ ނުތަނަވަސްކަން ބޮޑުވެ، 2019 ވަނަ އަހަރު ދިން އީސްޓާ ސަންޑޭ ބޮމުގެ ޙަމަލާތަކާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

އެހެންނަމަވެސް، ޤައުމަށް ދިމާވި މިފަދަ ބޮޑެތި ގޮންޖެހުންތަކާއި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް، ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓެވުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ގިނަ ބަޔަކު އަދިވެސް ފާހަގަކުރެއެވެ. ޓެމްޕަލް ޓްރީސްގައި އެމަނިކުފާނަށް އެރުވުނު މި ޝަރަފަކީ، ރައްޔިތުންގެ މެދުގައި އަމާންކަމާއި ހިތްހަމަޖެހުން ޤާއިމުކޮށްދިނުމަށް އެމަނިކުފާނުގެ ވެރިކަމުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު މުހިންމު އިނާމެއް ކަމުގައި މި ރަސްމިއްޔާތުގެ އިންތިޒާމުވެރިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު