ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ޤައުމީ ތަރައްޤީއާއި މުޖުތަމަޢުގެ ހަމަޖެހުމުގައި އަންހެނުން ބާރުވެރިކުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިކަން ފާހަގަކުރެއްވީ އެޗްޑީސީ އާއި އެމްއައިޓީ ގުޅިގެން ކުރިއަށްގެންދިޔަ "ވިލުންތެރި ކަނބަލުން" ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އިސްލާމްދީނާއި ދިވެހި ތާރީޚުންވެސް އަންހެނުންގެ ޙައްޤުތަކާއި މުހިންމު ދައުރު ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި ޤައުމުގެ ކޮންމެ ދާއިރާއެއް ކުރިއެރުވުމުގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފަދަ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމަކީ އަންހެނުން އެހެން މީހުންނަށް ބަރޯސާވުން ކުޑަކޮށް، ފަންނީ އެކި ދާއިރާތަކުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ކޯސް ފުރިހަމަކުރި 170 އަށްވުރެ ގިނަ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް