އައްޑޫސިޓީ އީކްއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫސިޓީ އީކްއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ ސިޓީގައި ކުރިއަށްދިޔަ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވެ، ހާލު ދެރަވި ބައެއް ކުދިންނަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދިނުމަށްފަހު 2 ދަރިވަރުން ފިޔަވައި ހުރިހާ ދަރިވަރުން ދޫކޮށްލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާނާ ވިހަވުމުގެ ސަބަބުން ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށާއި، މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހަތް ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެއެވެ. އަދި މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ ދެ ކުދިންނަށެވެ. އެކުދިން ކާނާ ވިހަވި ސަބަބު ދެނެގަންނަން ފުލުހުން ވަނީ ސާންޕަލް ނަގާފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގައި ކާނާ ވިހަވެފައިވަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުން ކަމަށާއި، މި ކުދިންގެ ފަރާތުން ބޭރަށް ހިންގުމާއި، ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނިފައިވާކަމަށް ވެއެވެ.

މި ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފައިވަނީ، ކެޑޭޓް ކޭމްޕުގެ ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިންގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

އެޗްއާރުސީއެމުން ވަނީ، މި ހާދިސާ ހިނގައިދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙްޤީޤު ކުރުމަށް ގޮވާލާފައެވެ. އަދި މިފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނޭ ގޮތަށް އިންތިޒާމުތައް ބައްޓަންކޮށް، ކަންކަން ބަލަހައްޓަމުން ގެންދިއުމަށް ކަމާބެހޭ އެންމެހައި އިދާރާތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އަދި ފަރުވާ ދެމުންދާ ކުދިންގެ އަދަދާ ގުޅޭގޮތުން ކަމާބެހޭ އެހެން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ތަފްސީލީ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު