އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު
ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ވަރިހަމަކޮށްލައިގެން ތިބެވެން ނެތް ކަމަށާއި، އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ގިނަ އަދަދެއްގެ މެންބަރުންގެ އެދުމުގެ މަތިން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، މިހާރުގެ ސަރުކާރަކީ އެއްވެސް ސިޔާސަތެއް ނުވަތަ ސަރީހަ މިސްރާބެއް ނެތި، ރައްޔިތުންނަށް ނުހަނު ގިނަ ދުއްތުރާތަކާ ކުރިމަތިކުރުވަމުންދާ "މުސީބާތެއް" ފަދަ ސަރުކާރެކެވެ. އެހެންކަމުން، ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށްގެން ގައުމުގެ ހާލަތު ހަމަމަގަށް އަނބުރާ ގެނައުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވި ނިންމެވުމަކީ، ފާލުން ނެއްޓިފައިވާ ސަރުކާރު ނިމުމަކަށް ގެނެސް ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރެއްވީ މި އޮގަސްޓު މަހުގެ 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ.

އެ އިއުލާނާއެކު އޭނާ ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޝާހިދަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަމުގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު