ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަންނަ ބޭރު ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް ދިވެހި ބޭންކިން ނިޒާމަށް ވެއްދުމުގެ ގޮތުން، ރިސޯޓުތަކުން މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު 40 އިންސައްތައަށް ބޮޑުކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން މާރުކުރުމަށް މިހާރު ކަނޑައަޅާފައިވާ 20 އިންސައްތަ، 40 އިންސައްތައަށް އިތުރުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން، މިހާރު ކޮންމެ ތިން މަހަކުން އެއްފަހަރު ޑޮލަރު މާރުކުރަން އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ މަހަކު އެއްފަހަރު މާރުކުރަންޖެހޭ ގޮތަށް ހެދުމަށް ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި، މިއީ އެތައް ދުވަހެއްގެ ދިރާސާތަކަށްފަހު، ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ކުއްލި ލޮޅުމެއް ނާންނާނެހެން ކަންކަން ތަރުތީބުކޮށްގެން ގެންނަ މުހިންމު ބަދަލެކެވެ. އަދި މަރުކަޒީ ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް ލިބޭ ހުރިހާ ޑޮލަރެއްވެސް ނިޒާމުގެ ތެރެއިން މާރުކުރެވޭނެ ފަދަ 100 އިންސައްތައިގެ ލަނޑުދަނޑިއަކަށް ވާސިލުވުން ކަމަށް ވެސް މުނައްވަރު ހާމަކުރެއްވިއެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ މުއާމަލާތްތައް ހިންގަންވާނީ ގައުމީ ފައިސާ ކަމަށްވާ ދިވެހި ރުފިޔާއިން ކަމަށާއި، މިއީ މީގެ ކުރީގެ ހުރިހާ ގަވަރުނަރުން ވެސް ހާސިލުކުރަން ބޭނުންވި މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ބޭރު ފައިސާ ދިވެހި ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމަކީ މި އިގުތިސާދީ މިސްރާބަށް ވާސިލުވުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ އަސާސީ ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު