ޕްލާސްޓިކް ކޮތަޅު-
ޕްލާސްޓިކް ކޮތަޅު-
ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ފީއަށް ލުޔެއް ދިނުމަށްޓަކައި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރަށްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހުގެ އެންމެ މުހިންމު އެއް މަގްސަދަކީ ރާއްޖެއަށް ކުނި އެތެރެކުރުން މުޅިން ހުއްޓުވުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން އަދި ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެއަށް ކުނި އެތެރެކުރެވެއެވެ. ނަމަވެސް، މި އިސްލާހާއެކު ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުން މުޅިން މަނާވާނެއެވެ.

މީގެ އިތުރުން، އާންމުންނަށް ބޮޑު ލުޔެއް ދިނުމުގެ ގޮތުން 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން މިހާރު ނަގަމުންދާ ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. މި ބަދަލުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީން ދައުލަތަށް ލިބޭ އާމްދަނީއަށް އުނިކަމެއް އަންނާނެއެވެ.

މި ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ކުނި މެނޭޖުކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް އެކުލަވާލުމާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ޕްލޭންތަކާ އެއްގޮތްކުރުން މި ބިލުން ވަނީ ލާޒިމްކޮށްފައެވެ.

މި އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އެ ޤާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

މިބިލު ހުށައެޅުއްވި މެންބަރު އިބްރާހީމް ޝިފާޒް ވިދާޅުވީ، މި ގެނެވުނު އިސްލާހުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޮޑެތި ފަސޭހަތަކެއް ލިބި، ޤާނޫނު ތަންފީޒު ކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 18 ޑިސެމްބަރު 2022 ގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި ފަހުން މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި ހިނގާ އަހަރުގެ މިހާތަނަށް 2،011،421 (ދެ މިލިއަން އެގާރަ ހާސް ހަތަރުސަތޭކަ އެކާވީސް) ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް