މަސްޖިދުލްއަޤްޞާ
މަސްޖިދުލްއަޤްޞާ
މަސްޖިދުލްއަޤްޞާގެ ގޯތިތެރޭގައި ޔަހޫދީންގެ ދީނީ ފޮތްތައް ގެންގުޅުމާއި ޖަމާޢަތް ހަދައިގެން އަޅުކަންކުރުމުގެ ހުއްދަ ދިން ކަމުގައި ވިޔަސް، އެ މިސްކިތުގެ އިސްލާމީ ވަނަވަރާއި ޙައިޞިއްޔަތު ބަދަލުނުކުރެވޭނެ ކަމަށް ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ.

ޙަމާސުން މިކަން ހާމަކޮށްފައިވަނީ 1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ޓެރަރިސްޓް ޢުދުވާނަށް 57 އަހަރު ފުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަޤްޞާ މިސްކިތް ޔަހޫދީ ތަނަކަށް ހެދުމަށާއި އެތަނުގެ ތާރީޚީ ސިފަތައް އޮޅުވާލުމަށް އިސްރާއީލުން ހިންގާ އެއްވެސް ޖަރީމާއެއް ކާމިޔާބެއް ނުވާނެއެވެ.

އިސްރާއީލުގެ ހައްދުފަހަނައެޅި ޤައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން، އަޤްޞާ މިސްކިތަށް ޔަހޫދީ ދީނީ ފޮތްތައް ވެއްދުމަށާއި ޖަމާޢަތުގައި އަޅުކަންކުރުމަށް އެ ޤައުމުގެ ފުލުހުން ފުރުޞަތު ފަހިކޮށްދެމުންދާ ދިއުން ޙަމާސުން ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. މިދިޔަ ޖަނަވަރީ މަހުން ފެށިގެން މިސްކިތަށް ޔަހޫދީ ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުރަސްތައް ނައްތާލަން ފަށާފައިވާއިރު، މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ބެން-ގްވީރާއެކު ހައްދުފަހަނައެޅި ޔަހޫދީންގެ ބަޔަކު ވަނީ އެތަނަށް ވަދެ ފާޅުގައި އަޅުކަންކޮށްފައެވެ. އެހެންކަމުން، މަސްޖިދުލްއަޤްޞާގެ ޙިމާޔަތުގައި ސާބިތުވެ ތިބުމަށާއި، އެ މުޤައްދަސް ބިނާ ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރުމަށް ޙަމާސުން ވަނީ ޢަރަބި އަދި އިސްލާމީ އުއްމަތަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ޤައުމީ މަޖިލީހުން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، 1969 ގެ ހުޅުޖެހުމުގެ ޙާދިޘާއަކީ ޤުދުސާއި އެރަށުގެ އިސްލާމީ ބިނާތައް ފުހެލުމަށް އިސްރާއީލުން ފެށި ރޭވުންތެރި ޖަރީމާތަކުގެ ފެށުން ކަމަށެވެ. އަދި ހަރުކަށި ޔަހޫދީން މަސްޖިދުލްއަޤްޞާގެ ތާރީޚީ އަދި ޤާނޫނީ ޙައިޞިއްޔަތު އޮޅުވާލަން ކުރަމުންދާ މަސައްކަތްތަކާ މެދު އިންޒާރުދެމުން، މުސްލިމުންނާއި މަސީޙީންގެ މުޤައްދަސް ތަންތަނަށް ދެމުންދާ ޙަމަލާތަކަކީ ފަލަސްޠީނުގެ ޤައުމީ ޝަޚުޞިއްޔަތު ނައްތާލުމުގެ ޢަމަލެއް ކަމަށްވެސް އެ މަޖިލީހުން ފާހަގަކުރިއެވެ.

މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލްއަޤްޞާގައި 1969 ވަނަ އަހަރުގެ އޮގަސްޓު 21 ގައި ހުޅުޖެހީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިސް މައިކަލް ރޯހަންއެވެ. މި ޢުދުވާނުގައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، މޮރޮކޯގެ ރިބާޠުގައި އިސްލާމީ ޤައުމުތަކުން ބޭއްވި ތާރީޚީ ސަމިޓަށް ފަހު، މުސްލިމް އުއްމަތުގެ އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ވުޖޫދަށް އައެވެ.



ކިޔުންތެރިންގެ ހިޔާލު