ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ދިމާވާ ފަންނީ ގޮންޖެހުންތަކާ މެދު މަޝްވަރާކުރުން
ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ދިމާވާ ފަންނީ ގޮންޖެހުންތަކާ މެދު މަޝްވަރާކުރުން
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ ކޮޕް-17 ސަމިޓުގެ ހަވާސާގައި، 'ޕްރައިސް' ރިޕޯޓިންގ ޕްލެޓްފޯމް ބޭނުންކުރުމުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ދިމާވާ ފަންނީ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށްފިއެވެ.

ޗައިނާ ޕެވިލިއަންގައި ބޭއްވި މި ޕެނަލް މަޝްވަރާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އަޙްމަދު ޝާންއެވެ. މުޅި ބައްދަލުވުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިރުމަތީ، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ހާލަތާއި، ރިޕޯޓުކުރުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަމުގެ މައްޗަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޝާން ވަނީ ރާއްޖެ ފަދަ ތިރި، ކުދި ޖަޒީރާ ރަށްތަކަށް މިހާރު 'ޕްރައިސް' ޕްލެޓްފޯމް ފަރުމާކުރެވިފައިވާ ގޮތުން ދިމާވާ އުނދަގޫތައް ފާހަގަކުރައްވާފައެވެ.

އެގޮތުން، ބިމުގެ ސަރަޙައްދު ކުޑަވުމާއި، ރަށްތައް ވަކިވަކިން ބެހިފައިވުމުގެ އިތުރުން މޮނިޓަރ ކުރުމުގެ އިމްކާނިއްޔާތު ކުޑަ ޤައުމުތަކުގެ ޙަޤީޤީ ހާލަތާ މިހާރުގެ ސިސްޓަމް ނުގުޅޭކަން އޭނާ އެނގުވިއެވެ.

ހާއްސަކޮށް ބިމުގެ ބޭނުން ދެނެގަތުމަށް ބޭނުންކުރާ ސެޓެލައިޓް ފޮޓޯތަކުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން، ރާއްޖޭގެ އައްސޭރިފަށަށް އަންނަ ބަދަލުތަކާއި ކުދިކުދި ބިން ގިރުމުގެ މައްސަލަތައް ސާފުކޮށް ދެނެގަތުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަން ޝާން ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޝާން ވިދާޅުވީ، ކޮޕް އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކާ އެކަށޭނެ އުސޫލުތަކެއް އެކުލަވާލުމަށާއި، ރަނގަޅު ފެންވަރުގެ ހައި-ރިޒޮލިއުޝަން ޑޭޓާ ހޯދުމަށް ރާއްޖެއިން އުއްމީދުކުރާ ކަމަށެވެ.

އަދި ސައްޙަ މަޢުލޫމާތު ރިޕޯޓުކުރުމަށާއި މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ބޭނުންވާ ޚާއްސަ ތަމްރީނުތައް ދިނުމަށާއި ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި އެކީގައި ބައިވެރިވުމަށް ރާއްޖެ ތައްޔާރަށް އޮތްކަންވެސް އޭނާ ހާމަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު