ރާއްޖޭގައި ޕެރެޝޫޓު ޖަމްޕް ތަމްރީނު ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން
ރާއްޖޭގައި ޕެރެޝޫޓު ޖަމްޕް ތަމްރީނު ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ތަމްރީނުތައް ރާއްޖޭގައި ފުރިހަމަކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން، ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު ޣައްސާން މަޢުމޫންއެވެ. މި ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާ އެކު، ދިވެހި އަސްކަރިއްޔާގެ އެއަރބޯން ޤާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ވައިގެ އުޅަނދުފަހަރާއި ވަސީލަތްތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، އައިލެންޑް އޭވިއޭޝަނާ ގުޅިގެން ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ސިފައިންގެ ޚާއްޞަ ތަމްރީނުތަކާއި އެއަރބޯން އޮޕަރޭޝަންތައް ކުރިއަށްގެންދެވިދާނެ ގޮތްތަކުގެ ޢަމަލީ ޕްލޭންތަކާ މެދުވެސް ޚިޔާލު ބަދަލުކުރެވުނެވެ.

ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ފެންވަރު މަތިކުރައްވައި، ޒަމާނީ ވަސީލަތްތަކާއެކު ސިފައިންގެ ޤާބިލުކަން އިތުރުކުރެއްވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތްޕުޅެކެވެ. ޚާއްޞަކޮށް ވައިގެ މަގުން ހިންގާ އަސްކަރީ ޙަރަކާތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމަކީ މި ސަރުކާރުން އިސްކަންދޭ ދާއިރާއެކެވެ.

އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސް (އެސްއެފް) އަކީ 2009 ވަނަ އަހަރު ޤާއިމުކުރެވުނު، ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ އެލީޓް ޔުނިޓެވެ. މި ޔުނިޓަކީ ކައުންޓަރ ޓެރަރިޒަމްގެ ޚާއްޞަ އޮޕަރޭޝަންތަކާއި، ނުރައްކާތެރި ހާލަތްތަކުގައި ޙަރަކާތްތެރިވެ ރަހީނުން ސަލާމަތްކުރުމުގެ ފުރިހަމަ ތަމްރީނާއި ޤާބިލުކަން ލިބިފައިވާ ފައުޖެކެވެ.

ހަމައެއާއެކު، އެއްގަމާއި ކަނޑުގެ އިތުރުން ވައިގެ މަގުން ހިންގަންޖެހޭ އެންމެ ނުރައްކާތެރި ސާޖިކަލް އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ހިންގުމުގެ ޒިންމާ އަދާކުރަނީ މި ޔުނިޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު