"ޒުވާނުންގެ ވަތަނީ ހިދުމަތް" (ނޭޝަނަލް ސަރވިސް) މަޝްރޫ
"ޒުވާނުންގެ ވަތަނީ ހިދުމަތް" (ނޭޝަނަލް ސަރވިސް) މަޝްރޫ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައި، ޢަމަލީ ގޮތުން ފައްޓަވާފައިވާ "ޒުވާނުންގެ ވަތަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ މުސްތަޤުބަލު އައު މިސްރާބަކަށް އަނބުރާލި ތާރީޚީ ސިޔާސަތެކެވެ. މިއީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެއްވި އިފުތިތާޙީ ތަޤުރީރުގައި ބަޔާންކުރެއްވި ފަދައިން، ޤައުމުގެ ޒުވާން ސިކުނޑިތަކާއި އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ގެންގުޅުއްވާ ދުރުވިސްނުންފުޅުގެ ތެރެއިން އުފަންވި ނުހަނު މުހިންމު ޤައުމީ މަޝްރޫޢެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ސްކޫލް ނިންމާ ޒުވާނުންނާއި، މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާ ވަގުތީގޮތުން އެކަހެރިވެފައި ތިބޭ ޒުވާނުންނަށް ސުލޫކީ، އަސްކަރީ އަދި ޢަމަލީ މަސައްކަތުގެ ތަމްރީނު ފޯރުކޮށްދިނުމެވެ. މި ތަމްރީނުތަކުގެ ތެރެއިން ދީނީ ޢަޤީދާ ވަރުގަދަކޮށް، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު އަދި ސުލޫކީގޮތުން ހަރުދަނާ ޖީލެއް ބިނާވެގެންދާނެއެވެ. މީގެ އިތުރުން، ވަޒީފާގެ މާޙައުލަށް ބޭނުންވާ ފަންނީ ހުނަރުތަކާއި މަސައްކަތުގެ އަޚުލާޤު ދަސްކޮށްދިނުމާއެކު، އަސްކަރީ އަސާސީ ތަމްރީނުތަކުގެ ޒަރީޢާއިން ހަށިހެޔޮކަމާއި ނަފްސާނީ ގޮތުން ހަރުދަނާ، ކޮންމެފަދަ ގޮންޖެހުމަކާވެސް ކެރިގެން ކުރިމަތިލާނެ ހިތްވަރުގަދަ ޒުވާނުންތަކެއް އުފެދިގެންދެއެވެ.

18 ސެޕްޓެމްބަރު 2025 ގައި ރަސްމީކޮށް ފެށުނު މި ޕްރޮގްރާމްގެ ކާމިޔާބީގެ އެންމެ އަލިގަދަ ހެއްކަކީ، މުޅި ރާއްޖެއިން މިކަމަށް ލިބެމުންދާ ބޮޑު ތަރުޙީބެވެ. އެގޮތުން ފުރަތަމަ ބެޗުގެ ތަމްރީނުތައް ފުރިހަމަކޮށް 344 ދަރިވަރުން ދަސްވެނިވެފައިވާއިރު، އެންމެ ފަހުން ބޭއްވުނު ދަސްވެނިވުމުގައި ރާއްޖޭގެ 112 ރަށަކުން 343 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި 280 ފިރިހެން އަދި 63 އަންހެން ބައިވެރިން ހިމެނޭއިރު، 113 ބައިވެރިންނަކީ 18 އަހަރުން ދަށުގެ ޒުވާނުންނެވެ. ޅ. މާފިލަފުށި އަދި ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒުތަކުގައި ކުރިއަށްދާ މި ތަމްރީނުތަކުގެ ތެރެއިން، ކިހާދޫގައި އެކަނިވެސް 66 ޒުވާނަކު ދަނީ ޢަމަލީ ފަންނީ ތަމްރީނުތައް ހާސިލުކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1,000 ޒުވާނުން މި ޕްރޮގްރާމްގެ ދަށުން ބިނާކުރުމެވެ.



މި މަޝްރޫޢާ ގުޅިގެން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބެލެނިވެރިން ފާޅުކުރަމުންދަނީ އިންތިހާއީ ހިތްހަމަޖެހުމާއި ތަޢުރީފެވެ. ތަމްރީނަށް ދިޔައިރު ކުދިންގެ ކިބައިގައި ހުރި އާދަތަކާއި، ތަމްރީނު ނިންމައި އެނބުރި އައުމުން ފެންނަން ހުރި ހެޔޮ ބަދަލުތަކަކީ ބެލެނިވެރިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރުވައިލި ކަމެކެވެ. ކުދިންގެ ކިބައިން ފެންނަ ވަގުތަށް ކަމޭހިތުމާއި، ބެލެނިވެރިންނަށާއި ދޮށީ އުމުރުގެ މީހުންނަށް ކުރާ ޤަދަރާއި އިޙުތިރާމު ފާހަގަކޮށް ގިނަ ބެލެނިވެރިން ވަނީ ރައީސް ޑރ. މުޢިއްޒުގެ މި އިސްނެންގެވުމަށް ހިތުގެ ޚާލިޞް ޝުކުރާއި ސަނާ ރައްދުކޮށްފައެވެ. މަގުތަކުގައި ބޭކާރު ގޮތުގައި ވަގުތު ގުނަމުންދިޔަ އެތައް ޒުވާނެއްގެ ދިރިއުޅުމަށް ސީދާ އަމާޒެއް ހޯދައިދީ، އިޖުތިމާޢީ ނޭދެވޭ ކަންކަމުން ދުރުހެލިކުރުވައި، ޒިންމާދާރު ދަރިންތަކެއްގެ ގޮތުގައި މުޖުތަމަޢަށް ނެރެދިނުމަކީ ބެލެނިވެރިން ދެކޭގޮތުގައި ސަރުކާރުން އެ އާއިލާތަކަށް ކޮށްދިން އެންމެ އަގުބޮޑު ޚިދުމަތެވެ. މި ސަބަބަށްޓަކައި، ކޮންމެ ބެލެނިވެރިއަކުވެސް މިއަދު ފަޚުރުވެރިކަމާއެކު އެދެނީ އެމީހުންގެ ދަރިން މި ޕްރޮގްރާމުގައި ބައިވެރިކުރުމަށެވެ.

ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ އެންމެ ބޮޑު ރައުސްމާލަކީ އަދި ކާމިޔާބީއަކީ ސަރުކާރުގެ މި ތަޞައްވުރަށް ބެލެނިވެރިން ކުރައްވާ ފުރިހަމަ އިތުބާރެވެ. އަދި ވަތަނީ ޚިދުމަތް ފުރިހަމަކުރާ ދަރިވަރުން ވެގެންދާނީ ޤައުމުގެ އެކި ދާއިރާތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދޭނެ ފަންނީ އަދި އިތުބާރުހުރި ދަރިންތަކަކަށް ކަމަށާއި، މި ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"ވަތަނީ ޚިދުމަތް ފުރިހަމަކުރާ ދަރިވަރުން ވެގެންދާނީ ޤައުމުގެ އެކި ދާއިރާތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދޭނެ ފަންނީ އަދި އިތުބާރުހުރި ދަރިންތަކަކަށް ، މި ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރާނެ " ޑިފެންސް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވި ފަދައިން، "ދިވެހި ވަތަނީ ޚިދުމަތް" މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވިސްނުންފުޅަކަށް ބިނާކޮށް، ދިވެހި ޒުވާން ޖީލުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި މިހާތަނަށް ރާއްޖޭގައި ފެށުނު އެންމެ ފަޚުރުވެރި އަދި އެންމެ އުންމީދީ ޤައުމީ މަޝްރޫޢެވެ.

"ޒުވާނުންގެ ވަތަނީ ޚިދުމަތް" މަޝްރޫޢަކީ ހަމައެކަނި އަސްކަރީ ތަމްރީނުތަކެއް ދިނުމުގެ އިމުގެ ތެރޭގައި ހަނިވެފައިވާ ކަމެއް ނޫނެވެ. މިއީ ޤައުމުގެ އިޤުތިޞާދީ މައި ސިނާޢަތްތަކަށް ބޭނުންވާ ދިވެހި ފަންނީ މަސައްކަތްތެރިން އުފައްދައި، ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި އަޚުލާޤީ ގޮތުން ނަމޫނާ ޒުވާނުންތަކެއް ބިނާކޮށްދޭ ޙަޤީޤީ ޤައުމީ ބިންގަލެކެވެ. ބެލެނިވެރިންގެ އުއްމީދާއި ހިތްހަމަޖެހުމާ ގުޅިފައިވާ މި ބޮޑު ޤައުމީ މަސައްކަތަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލު އުޖާލާކޮށް، ޤައުމުގެ އިޖުތިމާޢީ ފޭރާމާއި އިޤުތިޞާދު އެއްދުވަހުން އަނެއްދުވަހަށް ހަރުދަނާކޮށްދޭނެ ކަށަވަރު އައްޑަނައެކެވެ.



ކިޔުންތެރިންގެ ހިޔާލު