އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ އަދި އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް ތަހައްމަލް ކުރަމުންދާ ފަލަސްޠީނުގެ ކުޑަކުދިންތަކެއް
އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ އަދި އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް ތަހައްމަލް ކުރަމުންދާ ފަލަސްޠީނުގެ ކުޑަކުދިންތަކެއް
އިސްރާއީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ޤުޞްރާ އަވަށުގައި ހުރި ފަލަސްތީނު-އެމެރިކާ އާއިލާއެއްގެ ގެއެއް، އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ވަށާލައި ދިން ހަމަލާތަކަކީ "ނުރައްކާތެރި ޓެރަރިސްޓް އަމަލެއް" ކަމަށް ވިދާޅުވެ، އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ވަނީ އެ ގޭގެ ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލައި، ގާއުކައި ހަމަލާދީފައެވެ. އަދި އެ ގޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ވަނީ އެ ގެ ހިސާރުކޮށްފައެވެ.

އެމެރިކާގެ އޯހިއޯގައި ދިރިއުޅޭ އެ ގޭގެ ވެރިފަރާތް، ލޫ ރިދީ ބުނި ގޮތުގައި، ގޭގައި ތިބި އޭނާގެ ބޭބެއާއި ފިރިހެން ދަރިފުޅަށް އަސާސީ ކާބޯތަކެއްޗާއި ފެން ނުލިބި، އަމިއްލަ ގޭގައި ހޭދަކުރަން ޖެހުނީ ރަހީނުންގެ ގޮތުގައެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލު ސިފައިން އެ ސަރަހައްދަށް ވަދެ، ގޭގައި ތިބި ފަލަސްތީނުގެ ދެ މީހުން ވަނީ ސަލާމަތްކޮށްގެން އެ ސަރަހައްދުން ނެރެފައެވެ. އަދި އެ އަވަށުގެ ކައިރީގައި ވަޒަންވެރިން ޣައިރުޤާނޫނީ ގޮތުގައި ގާއިމުކޮށްފައިވާ ދެ އައުޓްޕޯސްޓް ސިފައިން ނައްތާލައި، މިކަމާ ގުޅުންހުރި އިސްރާއީލު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އަސްކަރިއްޔާއިން ހާމަކުރެއެވެ.

އެމެރިކާގެ ސަފީރު މައިކް ހަކަބީއަކީ އާންމު ގޮތެއްގައި އިސްރާއީލުގެ ވަޒަންވެރިންގެ ހަރަކާތްތަކަށް ތާއީދުކުރައްވާ ބޭފުޅެއް ނަމަވެސް، މި ހާދިސާގައި ވަޒަންވެރިންގެ އަމަލުތައް ސިފަކުރެއްވުމަށް "ޓެރަރިސްޓުން" މި ލަފްޒު ބޭނުންކުރައްވައި ފާޑުވިދާޅުވުމަކީ އެމެރިކާގެ އިސް އޮފިޝަލެއްގެ ފަރާތުން ފެނުނު ވަރަށް ނާދިރު، އަދި އެހާމެ ހަރުކަށި ބަސްދީގަތުމެކެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުގެ ވަޒަންވެރިން ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު