އެޗްއާރްސީއެމް
އެޗްއާރްސީއެމް
އުފަންވިތާ އެންމެ ތިން ދުވަސްވީ ތުއްތު ކުއްޖަކު، އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު އަދި ގިނަ މައުލޫމާތުތަކެއް މިހާރު ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ.

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި އެޗްއާރްސީއެމްގެ ގާނޫނުގެ 20، 21 އަދި 22 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ނެރުނު ބަލައި ފާސްކުރުމުގެ ހާއްސަ އަމުރެއްގެ ދަށުން، އެ ކޮމިޝަނުގެ ޓީމަކުން އިއްޔެ ވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (ޖެންޑާ މިނިސްޓްރީ) އަށް ވަދެފައެވެ. އިއްޔެ ހެނދުނު 9:00 އިން ފެށިގެން މިއަދުގެ ނިޔަލަށް ބާރު ލިބިދީފައިވާ މި އަމުރުގެ ދަށުން މިނިސްޓްރީއަށް ވަދެފައިވަނީ މައްސަލައާ ގުޅޭ މައުލޫމާތުތައް ސާފުކުރުމަށް ކަމަށާއި، މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި ބޭނުންވާ ލިޔެކިޔުންތައް ލިބެމުންދާ ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

އެޗްއާރްސީއެމުން މީސްމީޑިއާގައި ހާމަކުރި ގޮތުގައި، މި މައްސަލައިގެ ހަގީގަތް ހޯދުމަށްޓަކައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ އިތުރުން، ހައްގު ގެއްލުނު ކަމަށް ބުނާ މަންމައާއި، އެހެނިހެން ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކޮމިޝަނުގެ އިސް ޓީމަކުން ދަނީ ކުރަމުންނެވެ. އަދި ތަހުގީގަށް މުހިންމު ގިނަ މައުލޫމާތުތަކެއް މިހާރު އެއްކުރެވިފައިވާ ކަމަށާއި، މި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށްވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ތުއްތު ކުއްޖާއާއި އެ ކުއްޖާގެ މަންމަގެ ކަރާމާތާއި އަބުރަށް އުނިކަން އަންނާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އާންމު ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ މި ހާދިސާ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަކަށާއި ނަފުސާނީ ހާލަތަށް ބަލައި ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ކުއްޖާ ގެންދިޔަ ކަމަށް ބުނެ، އުމުރުން 25 އަހަރުގެ މަންމަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ވަނީ މިއީ އޭނާގެ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ސިފަކޮށްފައެވެ.

ނަމަވެސް، މި މައްސަލައިގައި ޖެންޑާ މިނިސްޓްރީން ކުރިން ބުނެފައިވަނީ، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި ކުއްޖަކު އާއިލާއާ ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަނި ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު