އެމްއެންޑީއެފުން ސާޗް އޮޕަރޭޝަން ހިންގަނީ، ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ސާޗް އޮޕަރޭޝަން ހިންގަނީ، ފޮޓޯ: އެމްއެންޑީއެފް
ގއ. ކުޑަލަފަރީގެ އިރުއުތުރުން ދަތުރުކުރަނިކޮށް "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް، ވައިގެ މަގާއި ކަނޑުމަގުން މިހާތަނަށް 12,710 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފިކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

2026 އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، ހާދިސާ ހިނގިތާ 8 ދުވަސް ފާއިތުވެފައިވާއިރު، ވައިގެ މަގުން އެކަނިވެސް 9920 އަކަ ނޯޓިކަލް މޭލު

ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 2790 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ.

މި އޮޕަރޭޝަނުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ސިފައިންގެ އާ ގާބިލުކަމެއް ކަމުގައިވާ "އަންމޭންޑް އޭރިއަލް ވެހިކަލް" (ޔޫއޭވީ) ނުވަތަ ޑްރޯންތަކެވެ. އިންފްރާރެޑް ސެންސަރުތަކާއެކު ރޭގަނޑު ވެސް އޮޕަރޭޓްކުރާ މި ޑްރޯންތަކަށް، ކަނޑުމަތީގައި ހުރި ބައެއް ކުނިބުންޏާއި ގޯނި ފަދަ ތަކެތި ދެނެގަނެވިފައިވާ ކަމަށް ސިފައިން މައުލޫމާތު ދެއެވެ. ވައިގެ މަގުގެ އިތުރުން "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އާއި ކޯސްޓްގާޑުގެ އެކި އުޅަނދުތަކާއި ފުލުހުންގެ ލޯންޗުތަކުން ދަނީ ހުވަދޫ ކަނޑާއި، ގއ. އަދި ލ. އަތޮޅުގެ ފަރުތައް ބަލަމުންނެވެ.

ހާދިސާގައި ސަލާމަތްވި މީހުންނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، ދޯނި ފެތެމުންދިޔަ ވަގުތު ކަނޑަށް ފުންމާލި ހުރިހާ އެންމެން ސަލާމަތްކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން ދޯނީގެ ތިން ފަޅުވެރިން ހިމެނެއެވެ. މި ހާދިސާގައި ކޯސްޓްގާޑުގެ ޑައިވަރު ސާޖަންޓް އަސްރާރު އަލީ، ދެ ބިދޭސީއަކު ސަލާމަތްކުރުމަށް ކުރި ހިތްވަރުގަދަ މަސައްކަތާއި، އެހެނިހެން ސިފައިންނާއި ފުލުހުން ދެއްކި ފުރާނަ ސަލާމަތްކުރުމުގެ ލާމަސީލު ނަމޫނާ ސިފައިންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން، އުޅަނދު ސަލާމަތްކުރުމަށް އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރަމުން ސިފައިން ބުނީ، ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިނުގައި 1600 މީޓަރު ހުންނާނެ ކަމަށެވެ. މިއީ އަސްކަރީ ސަބްމެރިންތަކަށް ވެސް ނުފީނޭހާ ފުން ސަރަހައްދެކެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މާދަމާގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިންމާލެވޭނެއެވެ. ދިވެހި ސިފައިންނާއި ފުލުހުން މިއަދުވެސް ތިބީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް މާތްﷲ ގަންދީ ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު