ބަޖެޓު ފޮތް
ބަޖެޓު ފޮތް
މިއަހަރަށް ސަބްސިޑީގެ ގޮތުގައި ބަޖެޓުކުރި އަދަދަށްވުރެ އިތުރަށް 335 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ތަފުސީލުތަކުގައިވާ ގޮތުން، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު، ސަބްސިޑީއަށް ކުރި ހޭދަ ވަނީ ބަޖެޓު ކުރެވުނު މިންވަރަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.89 ބިލިއަން ރުފިޔާއެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ސަބްސިޑީގެ ހަރަދު ވަނީ 3.23 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހަރަދުކޮށްފައިވަނީ 1.84 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 75.7 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުވެސް ބަޖެޓުގައި ސަބްސިޑީއަށް ކަނޑައެޅި އަދަދަށްވުރެ އިތުރަށް ވަނީ ހަރަދުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ސަބްސިޑީއަށް ބަޖެޓުކުރި 1.86 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު ޖުމްލަ 3.45 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.

ސަބްސިޑީ ނިޒާމުގެ ދަށުން ސަރުކާރުން އަންނަނީ ކާޑުގެ ބާވަތްތަކާއި، ފެނާއި ކަރަންޓުގެ އިތުރުން ނަރުދަމާގެ ހަރަދުތަކުން ރައްޔިތުންނަށް ލުއި ފޯރުކޮށްދިނުމަށް ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރަމުންނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކުރެވެނީ ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ، ސްޓެލްކޯއާއި ފެނަކައަށް މާކެޓް އަގަށްވުރެ ހެޔޮކޮށް ފޯރުކޮށްދިނުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު އަންނަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަބްސިޑީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ލިބޭނެ އުސޫލަކަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު