އިރު ކޭތަ
އިރު ކޭތަ
ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތާއި ޔޫރަޕުގެ ސަރަޙައްދުތަކަށް ފެންނާނެ އެންމެ ބޮޑު އިރުކޭތަ ބަލައިލުމަށް، ގިނަ ބަޔަކު މިހާރު ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އިރާއި ބިމާ ދެމެދަށް ހަނދު ހުރަސްއެޅުމުން އުފެދޭ މި ހިތްގައިމު ގުދުރަތީ މަންޒަރު ބަލައިލުމަށް އާންމުންގެ ޝައުގުވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، މިއީ ފަލަކީ އިލްމަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެކެވެ.

މި މަންޒަރު ބެލުމަށް ބޭނުންކުރާ ޚާއްޞަ އައިނުތަކަށް އޮތް ޑިމާންޑް ބޮޑުވެ، ބާޒާރުން އެތަކެތި ހުސްވަމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި އިރުކޭތަ އެންމެ ފުރިހަމައަށް ނުވަތަ 'ޓޯޓަލް އެކްލިޕްސް' އެއްގެ ގޮތުގައި ފެންނާނެ ކަމަށް ލަފާކުރެވެނީ ގްރީންލޭންޑް، އައިސްލޭންޑް އަދި ސްޕެއިންގެ ސަރަޙައްދުތަކަށެވެ.

މީގެ އިތުރުން އިނގިރޭސިވިލާތް، އަޔަރލަންޑް، ޔޫރަޕުގެ ގިނަ ޤައުމުތަކުގެ އިތުރުން އެމެރިކާ އަދި ކެނެޑާއަށްވެސް މި ކޭތައިގެ ބައެއް ނުވަތަ 'ޕާޝަލް އެކްލިޕްސް' އެއް ފެންނާނެއެވެ.

ނާސާ އާއި ފަލަކީ އިލްމުވެރިން ހާމަކުރާ ގޮތުގައި، އެކި ޤައުމުތަކުގެ ޓައިމްޒޯންތަކަށް އަންނަ ބަދަލާއެކު ކޭތަ ފެންނާނެ ވަގުތުތަކަށް ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް އަންނާނެއެވެ.

ކޭތަ ބަލާއިރު ސިއްޙީ ގޮތުން ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ސިއްޙީ އިދާރާތަކުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސީދާ އިރަށް ބެލުމަކީ ލޮލަށް ނުރައްކާތެރި ކަމެއްކަމަށް ވަނީ ބުނެފައެވެ.

ޔޫކޭ ހެލްތު ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެޗްއެސްއޭ) އިން ބުނެފައިވާ ގޮތުގައި، ކޭތަ ވަގުތު އިރުގެ އަލި މަޑުވި ނަމަވެސް، އެއްވެސް ނިވާކަމެއް ނެތި އިރަށް ބެލުމަކީ ލޮލުގެ ފެނުމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

އަލި މަޑުވުމުން ލޮލުގެ ގުދުރަތީ ރައްކާތެރިކަމުގެ ނިޒާމު މަސައްކަތް ނުކުރާނެތީ، އިރުގެ ބާރުގަދަ ދޯދިތަކުގެ ސަބަބުން ލޮލުގެ ރެޓިނާ ފިހި ހަލާކުވުމުގެ ފުރުޞަތު އޮތްކަމަށް އެ އޭޖެންސީން އިންޒާރުދެއެވެ.

އާދައިގެ އަވި އައިނު ބޭނުންކުރުމަކީ މިފަދަ ނުރައްކާތަކުން ރައްކާތެރިކޮށްދޭނެ ކަމެއް ނޫން ކަމަށާއި، ކޭތަ ބަލަންވާނީ އެކަމަށް ޚާއްޞަ އައިނު ބޭނުންކޮށްގެން ކަމަށް ސިއްޙީ މާހިރުން އިރުޝާދުދެއެވެ.

ލޮލުގެ ރެޓިނާއަށް ލިބޭ މިފަދަ ގެއްލުންތަކަކީ އެއްވެސް ތަދެއް އިޙްސާސްނުވެ ލިބޭ ގެއްލުންތަކަކަށް ވާތީ، ލޮލަށް ގެއްލުންވިކަން ގިނަ ފަހަރަށް އެނގެނީ ކޭތަ ބަލައި ނިމޭތާ މާ ފަހުންނެވެ.

މީގެ ކުރިން 1999 ވަނަ އަހަރު ފެނުނު އިރުކޭތަ ބެލި މީހުންގެ ތެރެއިން 70 މީހެއްގެ ލޮލުގެ ފެނުމަށް ދާއިމީ މައްސަލަތައް ކުރިމަތިވިކަމަށް ރޯޔަލް ކޮލެޖް އޮފް އޮފްތަލްމޮލޮޖިސްޓްސްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

އެހެންކަމުން، ކޭތަ ބަލާއިރު 'އެކްލިޕްސް ގްލާސަސް' ނުވަތަ ޕިންހޯލް ޕްރޮޖެކްޓަރު ފަދަ ރައްކާތެރި ވަސީލަތްތައް ބޭނުންކުރުމަށް ކަމާބެހޭ މާހިރުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު