މައިންބަފައިންނަކީ އިންސާނަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ އަމާން ބަނދަރެވެ. އަހަރެމެންގެ ތުއްތު އުމުރުގައި، އެއްވެސް ޝަރުޠަކާ ނުލައި އެބޭފުޅުން ވެދެއްވި ގުރުބާނީއަކީ އަގު ކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް، މިއަދުގެ ދިވެހި މުޖުތަމަޢުގެ ތަސްވީރަށް ބަލައިލާއިރު، ފެންނަނީ ހިތްދަތި މަންޒަރުތަކެކެވެ. މައިންބަފައިންނަށް އޯގާތެރިވުމުގެ މާނަ މިއަދު ވަނީ އޮޅި، އެބޭފުޅުންނަކީ ހަމައެކަނި ޒިންމާތަކެއް އުފުލަން ތިބޭ ބައެއްގެ ގޮތުގައި ބެލެވެން ފަށާފައެވެ.

ޚާއްޞަކޮށް، ރާއްޖޭގެ ގިނަ ގޭބިސީތަކުގައި މާމައިންނާއި ކާފައިންގެ ހާލަތަކީ ދެރަވެ، ލޮލުން ކަރުނަ އަޅަންޖެހޭ ފަދަ ކަމެކެވެ. ދަރިންނާއި ދަނބިދަރިން ވަޒީފާއަށް ދިއުމުން، މުޅި ދުވަހު ކުދިން ބެލުމާއި، ކެއްކުމާއި، ގޭތެރެ ސާފުކުރުމުގެ ބުރަ އުފުލަން މިޖެހެނީ އެ އުމުރުން ދުވަސްވީ މައިންބަފައިންނަށެވެ. އެބޭފުޅުންނަށް ވަރުބަލި ފިލުވާލަން އޮށޯވެލާނެ ވަގުތެއް، ނުވަތަ ހަމަޖެހިލައިގެން ސައިތަށްޓެއް ބޯލާނެ ފުރުޞަތެއްވެސް ގިނަ ފަހަރަށް ނުލިބެއެވެ. އެންމެ އަސަރުކުރުވަނީ، އޮފީސް ނިންމާފައި ގެއަށް އައިސް، އަމިއްލަ ދަރިންގެ ޒިންމާއާ ހަވާލުވުމުގެ ބަދަލުގައި، މައިންބަފައިންގެ އަތަށް ކުދިން ދޫކޮށްލާފައި ކޮފީތަކަށާއި ރޭގަނޑުގެ ބުރުތަކަށް ދަރިން ދާތީއެވެ. މިއީ އޯގާތެރިކަމެއް ހެއްޔެވެ؟ ނޫނީ އެބޭފުޅުންގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒު ފައިދާ ނެގުން ހެއްޔެވެ؟

މީގެ އިތުރުން، މިއަދު ގިނަ ޒުވާން އާއިލާތަކުން ގޭތެރޭގެ މަސައްކަތަށާއި ކުދިން ބެލުމަށް ބިދޭސީ މެއިޑުން ގެންގުޅެއެވެ. ނަމަވެސް، ހިތާމައަކީ އެ މެއިޑުން ވެސް ގޭގައި އުޅޭ އުމުރުން ދުވަސްވީ މައިންބަފައިންނަށް އޯގާތެރިވާތަން ނުފެންނަ ކަމެވެ. ގިނަ ފަހަރަށް މެއިޑުން ގެންނަނީ މައިންބަފައިންނަށް ވެސް ލުޔެއް ހޯދައިދީ، އެބޭފުޅުންގެ ކަންކަން ބަލައިދިނުމަށެވެ. އެކަމަކު، ދަރިންގެ ފަރާތުން އެކަށީގެންވާ އިރުޝާދާއި ބެލެހެއްޓުން ނުލިބޭތީ، މެއިޑުން ވެސް އުމުރުން ދުވަސްވީ މީހާއަށް އިހުމާލުވެ، ހިތުހުރި ގޮތަކަށް އުޅެނީއެވެ. މެއިޑުން ގެނައުމަށްފަހު، އެމީހުން މައިންބަފައިންނަށް ވީހާވެސް ރަނގަޅަށް ކަންތައް ކޮށްދިނުމަށް ބާރުއަޅައި، އެކަން ދަރިން ކަށަވަރުކުރަން ޖެހޭނެއެވެ. އެބޭފުޅުންގެ ކެއުމާއި، ބޭހާއި، ސާފުތާހިރުކަމަށް މެއިޑުން ދޭ ސަމާލުކަން ގާތުން ބެލުމަކީ ދަރިންގެ ޒިންމާއެކެވެ.

އޯގާތެރިކަމަކީ ހަމައެކަނި ޚަރަދުކުރުމެއް ނޫނެވެ. އެއީ އެބޭފުޅުން ޑޮކްޓަރަށް ދެއްކުމާއި އެހީތެރިކަމަށް ބޭނުންވާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާނޭ ގޮތް ކެތްތެރިކަމާއެކު ދަސްކޮށްދީ، އެބޭފުޅުންގެ ޚިޔާލުތަކަށް އިހުތިރާމްކުރުމެވެ. ކުޑަކުޑަ މެސެޖަކުން ނުވަތަ ސިޓީއަކުން "ލޯބިވެޔޭ" ބުނެލުމަކީ އެބޭފުޅުންގެ މުޅި ދުވަސް އުޖާލާކޮށްލާނެ ކަމެކެވެ. ކަމަކަށް އިހުމާލުވެވިއްޖެނަމަ، ބޮޑާކަމެއް ނެތި މައާފަށް އެދުމަކީ އޯގާތެރި ދަރިއެއްގެ ސިފައެވެ.

އަހަރެމެން ހަނދާންކުރަންވީ އެއް ކަމަކީ، މިއަދު އަހަރެމެންގެ މައިންބަފައިންނަށް ކުރާ ކޮންމެ މުއާމަލާތަކީ މާދަމާ އަހަރެމެންގެ ދަރިންގެ ފަރާތުން އަހަރެމެންނަށް ލިބޭނެ އިނާމު ކަމެވެ. މައިންބަފައިންގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ގެނެސްދިނުމަކީ ތިމާގެ ދިރިއުޅުން ބާއްޖަވެރިވާނެ ކަމެކެވެ. އެހެންކަމުން، އެބޭފުޅުން ދުނިޔޭގައި ތިއްބަވަނިކޮށް، އެ މާތް ނިޢުމަތުގެ އަގު ވަޒަންކޮށް، ހަގީގީ މާނައިގައި އޯގާތެރި، ކުލުނުވެރި ދަރިންތަކަކަށް ވަމާ ހިނގާށެވެ. އެބޭފުޅުންގެ ވަރުބަލިކަމަށް އަރާމެއް ހޯދައިދޭ ބަޔަކަށް ވަމާ ހިނގާށެވެ.



ކިޔުންތެރިންގެ ހިޔާލު