ސާގަރިކާ އާއި ވިހާން-
ސާގަރިކާ އާއި ވިހާން-
ބޮލީވުޑްގެ މަގުބޫލު ފިލްމު 'ޗަކް ދޭ އިންޑިއާ' އިން ބެލުންތެރިންގެ ލޯބި ހޯދި ދެ ތަރިން ކަމަށްވާ ސާގަރިކާ ގަޓްގޭ އާއި ވިވާން ބަޓޭނާ، ގާތްގަނޑަކަށް ވިހި އަހަރުގެ މެދުކެނޑުމަކަށްފަހު އައު ފިލްމަކުން އެކުގައި ފެންނަން ތައްޔާރުވެއްޖެއެވެ.

2007 ވަނަ އަހަރު އާންމުންނާ ހަމައަށް އައި 'ޗަކް ދޭ އިންޑިއާ' ގައި ސާގަރިކާ ފެނިގެންދިޔައީ ހޮކީ ކުޅުންތެރިޔާ ޕްރީތީ ސަބަރްވާލްގެ ރޯލުންނެވެ. އަދި ވިވާން އަދާކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ، ކްރިކެޓް ކުޅުންތެރިޔާ އަބީމަންޔޫ ސިންގްގެ ކެރެކްޓަރެވެ. މި ދެ ތަރިންގެ އައު މަސައްކަތް ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުއެވެ.

މި އުފާވެރި ޚަބަރު ސަޕޯޓަރުންނަށް ހިއްސާކޮށްފައިވަނީ ވިވާންގެ އިންސްޓަގްރާމް މެދުވެރިކޮށެވެ. ފިލްމުގެ ސެޓުގައި ސާގަރިކާއާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރަމުން ވިވާން ލިޔެފައިވަނީ، 20 އަހަރަށްފަހު ދެ ތަރިން އަލުން ބައްދަލުވެފައިވާ ކަމަށާއި، އަންނަ އަހަރު އައު ފިލްމެއް ފެންނާނެ ކަމަށެވެ. ނަމަވެސް، ފިލްމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

މި ޚަބަރާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނނީ ފޯރިއާއެކު ޝުއޫރު ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، މިހާ ދުވަސްވީއިރުވެސް ދެ ތަރިންގެ ޒުވާންކަމަށް ބަދަލެއް ނާދެއެވެ. އަދި 'ޗަކް ދޭ' އަށްފަހު މި ދެ ފަންނާނުން އެކުގައި ފެނުމަކީ ބެލުންތެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މިއީ ސާގަރިކާ މަންމައަކަށް ވުމަށްފަހު ކުޅޭ ފުރަތަމަ ފިލްމެވެ. ސާގަރިކާ އާއި އޭނާގެ ފިރިމީހާ، މަޝްހޫރު ކްރިކެޓް ތަރި ޒަހީރު ޚާންއަށް ފިރިހެން ކުއްޖަކު ލިބިފައިވަނީ 16 އެޕްރީލް 2025 ގައެވެ. ފާއިތުވި އަހަރުތަކުގައި ފިލްމީ މަސައްކަތްތަކާ ކުޑަކޮށް ދުރުގައި ހުރި ނަމަވެސް، އޭނާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދިރިއުޅުމުގެ މައުލޫމާތުތައް ހިއްސާކުރަމުންނެވެ.

ސާގަރިކާ އެންމެ ފަހުން ފެނިފައިވަނީ 2020 ވަނަ އަހަރުގެ 'ފުޓްފެއަރީ' އިންނެވެ. އޭގެ ކުރިން 2019 ގައި 'ބޮސް: ބާޕް އޮފް ސްޕެޝަލް ސަރވިސަސް' ކިޔާ ވެބް ސީރީޒެއްގައި އޭސީޕީއެއްގެ ރޯލުން އޭނާ ފެނިފައިވެއެވެ. ގިނަ ދުވަސްތަކަކަށްފަހު ސާގަރިކާ އެނބުރި ފިލްމީ ދާއިރާއަށް އައުމަކީ އޭނާގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ.



ކިޔުންތެރިންގެ ހިޔާލު