މުޙައްމަދު ފިރާޤު: އިނަރ މޯލްޑިވްސްގެ ސީއީއޯ
މުޙައްމަދު ފިރާޤު: އިނަރ މޯލްޑިވްސްގެ ސީއީއޯ
ރާއްޖޭގެ ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު، އާސަންދަ އަކީ ނަހަމަ ގޮތުގައި ބޭނުންކުރުމާއި އިސްރާފު ބޮޑު ނިޒާމަކަށް ވުމުން، އެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، އާސަންދައަކީ ސިއްހީ ފަރުވާއަށް އަމިއްލައަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ މުހިންމު ޕްރޮގްރާމެއް ކަމަށެވެ. ނަމަވެސް، މިހާރު މި ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކުގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފިރާގް ފާހަގަކުރެއްވި ގޮތުގައި އާސަންދަ ނިޒާމުގެ ތެރެއިން އޯވާ ޗާޖުކުރުމާއި، ކޮންމެހެން ބޭނުން ނުވާ ކަންކަމަށް ފައިސާ ހޭދަކުރުމާއި، ބައެއް ފަރާތްތަކުން މި ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން ވަނީ އާންމުވެފައެވެ. "މި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބިއްޖެނަމަ، ޕްރޮގްރާމްގެ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބުރޫއަރާފާނެ،" އޭނާ ވިދާޅުވިއެވެ.

މި ނިޒާމު ހަރުދަނާކުރުމަށްޓަކައި ސިޔާސަތުތައް ފުރިހަމައަށް މުރާޖަޢާކޮށް އިސްލާހުކުރަން ޖެހޭ ކަމަށް ފިރާގް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމަށްޓަކައި ވަރުގަދަ އޯވަސައިޓެއް ނުވަތަ ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށް، ހާމަކަން ބޮޑު ގޮތެއްގައި ހަމަ އަގު ކަނޑައަޅައި، އާންމު ފައިސާ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރަން ޖެހެއެވެ.

"މަޤްޞަދަކީ މި ސްކީމް ބަލިކަށިކުރުމެއް ނޫން. އިސްރާފު މަދުކުރުމާއި، ސިއްޙީ ޚިދުމަތުގެ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރެވޭކަން ކަށަވަރުކޮށްދީ އެ ސްކީމް ހަރުދަނާކުރުން،" ފިރާގް ވިދާޅުވިއެވެ.

ފިރާގް ވަނީ އާސަންދަ ސިޔާސަތު އަލުން ބަލައި، ހަގީގަތުގައި ބޭނުން ޖެހިފައިވާ މީހުންނަށް ފައިދާވާނެ ފަދަ، ދެމެހެއްޓެނިވި އަދި ހާމަކަން ބޮޑު ސިޔާސަތަކަށް އެ ނިޒާމު ބަދަލުކުރަންވީ ވަގުތު އައިސްފައިވާ ކަމަށް ގަބޫލުކުރައްވާތޯ އާންމުންނާ ސުވާލު ކުރައްވާފައެވެ.

އާސަންދަ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން ފިރާގް މިފަދަ ވާހަކަތަކެއް ދައްކަވާފައި މިވަނީ، ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާތީ، އެކަން ކުޑަކުރުމަށް ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް