ދިވެހި ހައްޖުވެރިން، ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދިވެހި ހައްޖުވެރިން، ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޙައްޖަށް ދިއުމަށް އިންތިޒާރުގައި ތިބޭ މީހުންގެ ކިޔޫ ދިގުވުމަކީ އެކަމުގެ ސަބަބުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހިތްތަކުގައި ދީނީ ކަންކަމަށް އޮތް ޝައުގުވެރިކަން ބޮޑުވުމުން ދިމާވާ ތަބީއީ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުވެ، އިސްލާމީ އުސޫލުތަކަށް ދޭ ސަމާލުކަން ބޮޑުވަމުންދާ ވަރަކަށް މާތްވެގެންވާ ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުންގެ އަދަދު ވެސް އިތުރުވަމުންދާނެ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި އިސްލާމީ ގައުމުތައް ކަމަށްވާ މިޞްރާއި، ޕާކިސްތާނުގެ އިތުރުން އިންޑޮނީޝިއާ ފަދަ ގައުމުތަކުގައި ވެސް މިލިއަނުން މީހުން ކިޔޫގައި ތިބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިހާރު ރާއްޖޭގައި ޙައްޖުގެ ކަންކަން ރޭވިފައިވަނީ ވަރަށް ހަރުދަނާ ނިޒާމެއްގެ ދަށުން ކަމަށެވެ. ޚާއްޞަކޮށް ޕެންޝަން ފަންޑުގެ އެހީގައި ޙައްޖަށް ދެވޭނެ މަގު ފަހިވެފައި އޮތުމަކީ ގިނަ ބަޔަކު ކުރިއާލައި ފައިސާ ދައްކައި ކިޔޫގައި ބައިވެރިވާ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކުން ކުރިއަށް އޮތް 10 އަހަރު ދުވަހަށް ޕްލޭންކޮށްގެން ވެސް ފައިސާ ޖަމާކުރަމުންދާ ކަމަށާއި، އެހެންކަމުން މިއަދު ފައިސާ ދައްކާ ކޮންމެ މީހަކީ ހަމަ އެ އަހަރު ޙައްޖަށް ދާނެ މީހަކަށް ނުވެދާނެކަން ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ އުސޫލުތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މީގެ ކުރިން އަމިއްލަ ކުންފުނިތަކަށް ކޯޓާ ދޫކުރުމުގެ ސަބަބުން ޙައްޖުގެ އަގުތައް އިންތިހާއަށް އުފުލި، އެ ފުރުސަތަކީ ހަމައެކަނި މުއްސަނދިންނަށް ލިބޭ ފުރުސަތަކަށް ވެފައި އޮތް އޮތުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މިހާރު އޮތް ނިޒާމުގެ ތެރެއިން އާދައިގެ ރައްޔިތުންނަށް ވެސް ހަމަހަމަކަމާ އެކު ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއިން ކޯޓާ އިތުރުކޮށްދެނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަކަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް، އެ ގައުމުން އެހެން ގައުމުތަކަށް ކޯޓާ އިތުރުކޮށްދޭ ހާލަތްތަކުގައި ރާއްޖެއަށް ވެސް އިތުރު ކޯޓާ ހަމަޖެހިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު