ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ފޮޓޯ: ބީއެމްއެލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ފޮޓޯ: ބީއެމްއެލް
މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ މީހުންގެ އަދަދު 15,403 އަށް އަރައިފި ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެކަނިވެސް އަލަށް 96 ފަރާތެއް ވަނީ މި ދަފްތަރުގައި ރަޖިސްޓަރީވެފައެވެ.

މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން 8,915 ފިރިހެނުން ދަފްތަރުގައި ހިމެނޭއިރު، އަންހެނުންގެ އަދަދަކީ 6,488 އެވެ. އުމުރުފުރާތަކަށް ބަހާލައިގެން ބަލާއިރު، އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރައިގެ 7,773 މީހުން ދަފްތަރުގައި ހިމެނޭއިރު، 18 އަހަރުން ދަށުގެ 5,226 ކުދިންނާއި، 65 އަހަރުން މަތީގެ 2,404 މީހުން ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެ ގިންތީގައި 4,287 މީހުން ހިމެނޭއިރު، އެކަކަށްވުރެ ގިނަ ނުކުޅެދުންތެރިކަން ނުވަތަ 'މަލްޓިޕަލް ޑިސްއެބިލިޓީ' ހުންނަ 3,489 މީހުން ދަފްތަރުގައި ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2,285 މީހުންނާއި، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1,841 މީހުން އަދި އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,828 ފަރާތެއް ވަނީ ފާހަގަކުރެވިފައެވެ.

ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,025 މީހުންނާއި، އޯޓިޒަމް ހުންނަ 590 ކުދިން އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 58 ފަރާތެއް މިހާރު ވަނީ އެންސްޕާގެ ދަފްތަރުގައި ހިމެނިފައެވެ.

ސަރުކާރުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު