މަހުދީ ވަކިވެދިއުމުގެ ސަބަބުން ލިބުނު ފުން ހިތާމަޔާއި ކަންބޮޑުވުން ފާޅުކުރުން
މަހުދީ ވަކިވެދިއުމުގެ ސަބަބުން ލިބުނު ފުން ހިތާމަޔާއި ކަންބޮޑުވުން ފާޅުކުރުން
ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި ސިފައިންގެ ޑައިވަރު، މުހައްމަދު މަހުދީގެ މަރުގެ ސެޓްފިކެޓްގައި ހުރި ކުށްތައް އިސްލާހުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކުން އިންކާރު ކުރަމުންދާ ކަމަށް ބުނެ، އޭނާގެ އާއިލާއިން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

މިދިޔަ މޭ މަހު ހިނގި މި ހާދިސާގައި މަހުދީ ނިޔާވީ، ކަނޑުއަޑިން މީހުން ހޯދުމަށް ފީނުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ. ނަމަވެސް، އޭޑީކޭއިން ދޫކޮށްފައިވާ މަރުގެ ސެޓްފިކެޓްގައި މަހުދީ ނިޔާވި ކަމަށް ބަޔާންކުރުމުގެ ބަދަލުގައި، އޭނާއަކީ "ސަލާމަތްކުރެވުނު" (ރެސްކިއުޑް) މީހެއްގެ ގޮތުގައި ލިޔެފައިވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަހުދީގެ ކޮއްކޮ، ފާރިސް އިބްރާހިމް ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، މި ސެޓްފިކެޓް އިސްލާހުކޮށްދޭނެ ކަމަށް އެމް.އެން.ޑީ.އެފް އިން ބުނި ނަމަވެސް، މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.





މަހުދީގެ މަރުގެ ހަގީގީ ސަބަބު ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުން ފާރިސް ބުނީ، މަހުދީ ގެއްލުނުތާ 80 މިނެޓަށް ވުރެ ގިނަ އިރު ފަހުން އޭނާގެ ހަށިގަނޑު ފެނުނީ 69 މީޓަރު އަޑީގައި އޮތް ހޮހޮޅައެއްގެ ތެރެއިން ކަމަށެވެ. އަދި އޭނާ ފެނުނުއިރު އޭނާ ބޭނުންކުރި ވައި ފުޅި ހުރީ މުޅިން ހުސްވެފައި ކަމަށްވެސް އާއިލާއިން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ލަސްކުރަމުންދާ ކަމަށާއި، މަހުދީގެ ފޯނު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމަކީ އާއިލާއަށް ލިބޭ ބޮޑު އިހާނެތިކަމެއްގެ ގޮތުގައި ފާރިސް ފާހަގަކުރިއެވެ. ކަމާބެހޭ އިދާރާތަކުން ހާދިސާގެ ފުރިހަމަ މައުލޫމާތު ހިއްސާކޮށްފި ނަމަ މަރުގެ ސެޓްފިކެޓް އިސްލާހުކޮށްދޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވީ ނަމަވެސް، ޒިންމާދާރު ފަރާތްތަކުން މިކަމުގައި އިހުމާލުވަމުންދާ ކަމަށް އާއިލާއިން ބުނެއެވެ.

މަހުދީގެ އާއިލާއިން ވަނީ އޭނާގެ މަރުގެ ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމުގައި އެހީތެރިވެދިނުމަށް ދިވެހި ރައްޔިތުންނަށާއި ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު