އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ކަޅު ބާޒާރުގެ ނުފޫޒު ގަދަވެފައިވާ މައްސަލައިގައި ސަރުކާރާއި، ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ހައްލެއް ނުލިބެނީ ގާނޫނު ތަންފީޒު ނުކުރެވޭތީ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ ޑޮލަރުގެ އަގު ތިރިނުވުމުގެ ސަބަބުން ސަރުކާރާއި ރައްޔިތުން "ހަނާވަމުން" ދާކަމަށެވެ. އަދި މި މައްސަލައިގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހިންގާ ނުރަސްމީ ހަވާލާގެ މުއާމަލާތްތަކަކީ ޑޮލަރުގެ އަގު ކޮންޓްރޯލް ނުވުމުގެ މައިގަނޑު އެއް ސަބަބުކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫސަ މިސާލެއްގެ ގޮތުގައި ދެއްކެވީ ބަނގްލަދޭޝް މީހުން މާލޭގައި ހިންގާ ނެޓްވޯކްތަކެވެ. އޭނާ ވިދާޅުވި ގޮތުގައި، ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި ހުންނަ އޭޖެންޓަށް ދިވެހި ރުފިޔާ ދިނުމުން، ބަނގްލަދޭޝްގައި ހުންނަ އެމީހުންގެ އާއިލާއަށް ޓާކާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިގޮތަށް ބިދޭސީ އޭޖެންޓުންނަށް ލިބޭ މިލިއަނުން ގުނާލެވޭ ދިވެހި ރުފިޔާއަށް، ރާއްޖޭގެ ކަޅު ބާޒާރުން ޑޮލަރު ގަނެ ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ހިނގަމުންދާ ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން މޫސަ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނުވަތަ ރާއްޖޭގައި ހުންނަ ލައިސަންސް އޮތް އެއްވެސް ބޭންކެއްގެ ރަސްމީ ލިޔެކިޔުމެއް ނެތި މިފަދަ ބޮޑެތި މުއާމަލާތްތައް ހިންގާ މީހުންނަށް ޑޮލަރު ގަނެވޭނެ އަދި ބޭރުކުރެވޭނެ އިންތިޒާމެއް އޮންނާނެކަން ފާހަގަކުރައްވައި ސުވާލު އުފައްދަވާފައެވެ.

ކުރީގެ ރައީސުންނާއި މިހާރުގެ ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުވެސް ޑޮލަރުގެ އަގު ތިރިނުވެގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ، މި މައްސަލައިގައި ގާނޫނު ތަންފީޒު ނުވަނީ ކީއްވެގެންތޯއެވެ؟

ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލައަކީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވާއިރު، މިކަން ހައްލުކުރުމަށްޓަކައި ނުރަސްމީކޮށް ފައިސާ ބޭރުކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު