ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އެންމެ ފުރިހަމައަށް އެތެރޭގެ ޑިމޮކްރަސީ (އިންޓާނަލް ޑިމޮކްރަސީ) ދައްކުވައިދޭނެ ކޮންގްރެސްއަށް ކަމަށް އެޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ނޭޝަނަލް ޗެޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ހުރިހާ ގުނަވަންތަކެއް ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން އިންތިޚާބުކޮށް، ޑިމޮކްރެޓިކް އުޞޫލުތަކުގެ ތެރެއިން މިހާރު ވާނީ މަގާމުތަކަށް މީހުން ހޮވާފައި ކަމަށެވެ.ރައީސް ވިދާޅުވި ގޮތުގައި، ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެސް (ނުވަތަ އަސާސީ ގަވާއިދުގައިވާ ގޮތުން މަތީ މަޖިލިސް) ގައި ޕާޓީގެ މުހިންމު މަގާމުތަކަށް މީހުން އިންތިޚާބު ކުރެވޭނެއެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސް އަދި ސެނެޓް (މެންބަރުންގެ މަޖިލިސް) އަށް ވަކި އަދަދެއްގެ މެންބަރުން އިންތިޚާބު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެެވެ.

"އެހެންގޮސް، ޕާޓީގެ ސްޓްރަކްޗާ އަސްލުގައި މި ކަނޑައެޅެނީ ކޮންގްރެސްގަ. އެހެންވީމާ، މި ޕާޓީގެ އިންޓާނަލް ޑިމޮކްރަސީ ވަރުގަދަކޮށް، މި ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފައްކާވެފައިވާ، ޒުވާނުންނާއި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮތް ޕާޓީއެއްގެ ގޮތުގައި ބައްޓަންކުރުމުގެ މަސައްކަތް މިކުރަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީގެ ނިޒާމުގެ ތެރެއިން ކޮންމެ ޕާޓީއަކުންވެސް އަމަލުކުރަންޖެހޭނެ އެންމެ ރަނގަޅު މިސާލު ޕީއެންސީން ދައްކަން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ފުރިހަމައަށް ފެނިގެންދާނެ، ވަރަށް ކާމިޔާބު ކޮންގްރެސްއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސް އިންތިޚާބުގައި ހޮވާ ޕީއެންސީ ނައިބު ކަމަށް މިހާތަނަށް ވަނީ ޖުމުލަ ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެތެރޭގައި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ޕީއެންސީގެ ނާއިބް ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި އޭނާގެ ދަރިކަލުން އަދިސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ރައީސްގެ ކޮއްކޯފުޅު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު