ފައިތަން ހަރުފަ
ފައިތަން ހަރުފަ
އިންޑޮނޭޝިއާގެ ނޯތު މާލުކޫގެ ސުލާ އައިލެންޑްސްގައި، 23 ފޫޓު ހުރި ބޮޑު ހަރުފައެއް (ޕައިތަން) މީހަކަށް ހަމަލާދީ މުޅި މީހާ އެކީ ދިރުވާލި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ހާސިމް ލުމްބެސީ ނަމަކަށް ކިޔާ މީހެކެވެ.

މި ހާދިސާ ހިނގާފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ ދަންވަރު 3:00 ހާއިރު، ހާސިމް އެނބުރި ގެއަށް ދިޔުމަށްޓަކައި ޖަންގަލި ތެރެއިން ދަތުރުކުރަނިކޮށެވެ. ޚަބަރުތައް ބުނާ ގޮތުގައި، ގަސްތަކުގެ ތެރެއިން ނުކުމެ ހަރުފަ ފުރަތަމަ އޭނާގެ ފަޔަށް ދަތްއެޅުމަށްފަހު، މުޅި ހަށިގަނޑުގައި އޮޅާލައި ފިއްތައި މަރާލީއެވެ. އޭގެ ފަހުން ހަރުފަ ވަނީ އޭނާގެ ހަށިގަނޑު އެއްކޮށް ދިރުވާލާފައެވެ.

ހާސިމް ގެއަށް ނުއަންނާތީ އޭނާގެ އާއިލާއިން ހޯދުމުގެ މަސައްކަތް ފެށިއިރު، އޭނާ ދަތުރުކުރި މަގުމަތިން ލޭގެ ނިޝާންތަކަކާއި އޭނާގެ ދަބަހާއި ފައިވާން ފެނިފައިވެއެވެ. ރަށުގެ މީހުންނާ ގުޅިގެން ކުރި ހޯދުމުގެ މަސައްކަތުގެ ތެރެއިން، ބަނޑު ވަރަށް ބޮޑަށް ފުފިފައި އޮތް ހަރުފައެއް ފެނުމުން، އެ ހަރުފަ މަރާލައި ބަނޑު ފަޅާލިއިރު، އޭގެ ތެރެއިން ފެނުނީ ހާސިމްގެ ހަށިގަނޑެވެ.

މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ފުލުހުން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ސުލާ އައިލެންޑްސްގެ ފުލުހުންގެ ވެރިޔާ ހަންޑްރޭސް ވިދާޅުވި ގޮތުގައި، ޖަންގަލި ސަރަހައްދުތަކަށް ދާއިރު އެކަނި ނުގޮސް، ގުރޫޕް ހަދައިގެން ދިޔުމަކީ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ފާއިތުވި މަހުވެސް އެ ސަރަހައްދުގައި ހަރުފައެއް ހަމަލާދީ މީހަކު މަރުވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު