ސަރުކާރު ހަމަމަގަށް އަނބުރާ ގެނައުމަށްޓަކައި ރައްޔިތުންނާއެކު މަގުމައްޗަށް ނުކުތުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އެމްޑީޕީ ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ކަންކަން ހުރިގޮތުން މަގުމައްޗަށް ނުކުމެ ސަރުކާރު އިސްލާހުކުރުމަށް އިހުތިޖާޖު ކުރުމަށް ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމަށެވެ. އަދި އެޕާޓީ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރަށް ކަމަށާއި، އެ މަސައްކަތަށް ނުކުތުމުގެ ރޭވުންތައް ރޭވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ވަރަށް ތައްޔާރަށް. އަޅުގަނޑުމެން މިދަނީ މި މަސައްކަތަށް ނުކުންނަން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ތެދުވާނެ. އަޅުގަނޑަށް ޔަގީން ކަށަވަރު ރައްޔިތުން ތެދުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޤައުމުގެ ކަންކަން މިހާރު ދާގޮތުން ރައްޔިތުންނަށް ކެތްނުވާ ހިސާބަށް ކަންކަން ދިއުމުން، ރައްޔިތުން ނުކުމެ އެމީހުންގެ ބަސް ބުނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ހައްގުތަކުގެ ދިފާޢުގައި ރައްޔިތުން ނުކުންނަ ކޮންމެ ވަގުތަކުވެސް އެމްޑީޕީ އާއި އެމަނިކުފާނު ސާބިތުކަމާއެކު ރައްޔިތުންނާއެކު ތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި ސިޔާސީ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު