ރައީސް މުއިއްޒު
ރައީސް މުއިއްޒު
ގައުމުގެ ސިއްޙީ ނިޒާމު މުޅިން ބުރޫއަރައި، އަސާސީ ބޭސްތައް ހުސްވެ، ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ބޭސްފަރުވާގެ ޚިދުމަތްތައް ހޯދުމަށް އާސަންދަ މެދުވެރިކޮށްވެސް މަގު ބަންދުވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، ސަރުކާރުން ހިންގާ ބޮޑެތި އިސްރާފުތަކުގެ މައްސަލަ ހޫނުވެއްޖެއެވެ. ދައުލަތުގެ ބަޖެޓުން މިލިއަނުން ޚަރަދުކޮށްގެން ކުލަގަދަ ހަފްލާތަކާއި ހަވާ އެރުވުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދާތީ، އާންމު ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ.

މިހާރަކަށް އައިސް މީސްމީޑިއާގެ އެކި މަންސަތަކުގައި ބަލިމީހުންނާއި އެމީހުންގެ އާއިލާތަކުން ބޭސް ގަންނާނެ ފައިސާ ނެތިގެންނާއި، ބޭސް ލިބުމުގެ ދަތިކަމާ ހުރެ އެހީއަށް އެދި އާދޭސްކުރާ މަންޒަރު ވަނީ އާންމުވެފައެވެ. ސިއްޙީ ނިޒާމު މިހާ ބޮޑަށް އިނދަޖެހިފައިވާއިރު، ސަރުކާރުގެ އިސްވެރިން ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ ބޮޑަށް އިސްކަންދެނީ އަމިއްލަ ސިޔާސީ މަންފާއަށް ބާއްވާ ކުލަގަދަ އިވެންޓުތަކަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ބޭހުގެ ދަތިކަން ހައްލުކުރުމަށް އެދެވޭ މަސައްކަތެއް ކުރުމުގެ ބަދަލުގައި، "އުޑުމައްޗަށް މިލިއަނުން ފައިސާ އުކާލައިގެން" ހަވާ އެރުވުމަކީ ރައްޔިތުންގެ ހާލަތަށް ސަރުކާރުން އެއްވެސް ވަރަކަށް ހަމްދަރުދީ ނުވާކަމުގެ ހެތްކެއް ކަމަށް އާންމުން ސިފަކުރެއެވެ.

ދައުލަތުގައި ފައިސާ ނެތްކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ދައްކަވާ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވަމުން، އެޑްވޮކޭޓް މިދުއާމް ސައުދު ވަނީ ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބިނާކޮށް މި ސަރުކާރުގެ ބޮޑެތި ޚަރަދުތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. މިދުއާމް ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބޮޑެތި އަދަދުތަކުން ބޭކާރު ޚަރަދުތައް ކޮށްފައިވެއެވެ:

ދަތުރުފަތުރަށް: 125 މިލިއަން ރުފިޔާ (ދުވާލަކަށް އެވްރެޖްކޮށް 1 މިލިއަން ރުފިޔާ)

އުޅަނދުފަހަރު (ކާރާއި ވޭން) ގަތުމަށް: 37 މިލިއަން ރުފިޔާ (ދުވާލަކަށް 308,000 ރުފިޔާ)

ފަރުނީޗަރު ގަތުމަށް: 316 މިލިއަން ރުފިޔާ

އޮފީސް ހިންގުމަށް ބޭނުންވާ ސާމާނަށް: 380 މިލިއަން ރުފިޔާ

ރައީސް އޮފީސް ހިންގުމަށް: 103 މިލިއަން ރުފިޔާ (ދުވާލަކަށް 858,000 ރުފިޔާ)

ރައްޔިތުންގެ މަޖިލިސް ހިންގުމަށް: 106 މިލިއަން ރުފިޔާ (ދުވާލަކަށް 883,000 ރުފިޔާ)

މުސާރަ ދިނުމަށް: 8 ބިލިއަން ރުފިޔާ

މި ހިސާބުތަކަށް ބަލާއިރު، ސަރުކާރުގެ އިދާރީ ހިންގުމަށާއި ސިޔާސީ ބޭނުންތަކަށް ދުވާލެއްގެ މައްޗަށް މިލިއަނުން ޚަރަދުކުރާއިރު، ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ސިއްޙީ ދާއިރާއަށް ފައިސާ ނެތް ކަމަށް ބުނުމަކީ ދެކޮޅުނުޖެހޭ ވާހަކައެއް ކަމަށް މިދުއާމް ފާހަގަކުރެއްވިއެވެ.

ވެރިކަމުގެ ތިން އަހަރު ގާތްވަމުންދާއިރު، ބޭސް ލިބުމުގެ ދަތިކަން ހައްލުނުވެ، އިސްރާފު ބޮޑު ސިޔާސީ ހަރަކާތްތަކަށް އިސްކަންދިނުމަކީ ގައުމުގެ އިގްތިސާދީ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާ މިފަދަ ގޮތަކަށް ބޭކާރުކޮށްލުމުގެ ބަދަލުގައި، ސިއްޙީ ނިޒާމު ހަރުދަނާކޮށް، އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަރުކާރުގެ މި ޚަރަދުކުރުމުގެ ސިޔާސަތާމެދު ސުވާލު އުފައްދައި، މިހާރުން މިހާރަށް އިސްލާހީ ފިޔަވަޅު އެޅުމަށް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް