ފެނަކަ ކޯޕަރޭޝަން  ................. ފޮޓޯ: ގާފު މީޑިއާ
ފެނަކަ ކޯޕަރޭޝަން ................. ފޮޓޯ: ގާފު މީޑިއާ
ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި މަޝްރޫއުތަކެއްގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭތީ، އެ ބްރާންޗުގެ ކުރީގެ އިސްވެރިންނާއި އެ ފަރާތްތަކުގެ އާއިލީ މެންބަރުންނަށް ނުހައްގު މުއްސަނދިކަން ލިބިފައިވޭތޯ ބެލުމަށް ވަކި ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ އިދާރާއަށް އަންގައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ހަތަރު މަޝްރޫއަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓު ރިޕޯޓު ދިރާސާކުރުމަށްފަހު، މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްޔެފާގުންނެވެ.

އޮޑިޓު ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، އައްޑޫ ސިޓީގައި ފެނަކައިން ހިންގި މި ހަތަރު މަޝްރޫއަށް މިދިޔަ އަހަރުގެ ނިޔަލަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފައިވީ ނަމަވެސް، މިއިން އެއްވެސް މަޝްރޫއެއް މިހާތަނަށް ނިންމާލެވިފައެއް ނުވެއެވެ. އަދި މި މަސައްކަތްތައް ނިންމުމަށް އިތުރު 68 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭއިރު، މަޝްރޫއުތައް ހިންގުމުގައި މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ ފަދަ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓުގައި ބުނެފައިވަނީ، ފެނަކައިގެ ކުރީގެ ވެރިންނާއި އެ ފަރާތްތަކުގެ އާއިލީ މެންބަރުންގެ ބޭންކު އެކައުންޓުތަކަށް އެ މީހުންނަށް ލިބޭ މުސާރައާ ނުބައްދަލު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވެފައިވޭތޯ ފުލުހުން ބަލަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ހުރިހާ މުއާމަލާތްތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރުމަށާއި، އެ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭސީސީއަށް އެންގުމަށް ވެސް މަޖިލީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ އެއް ކުންފުނީގެ ގޮތުގައި އޮތް ފެނަކައިގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވެސް މަޖިލީހުން ވަނީ ލަފާދީފައެވެ. އެގޮތުން، ކުންފުންޏަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، އައު އޮނިގަނޑެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި، ކުންފުނީގެ އިސްވެރިންގެ އާއިލީ މަސްލަހަތު އޮންނަ ވިޔަފާރިތަކުން މުދަލާއި ހިދުމަތް ނުގަނެވޭ ގޮތަށް 45 ދުވަހުގެ ތެރޭގައި ޕްރޮކިއުމަންޓު އުސޫލުތައް އިސްލާހުކުރުމަށް ވަނީ އަންގާފައެވެ.

އޮޑިޓުން ފާހަގަވި އިތުރު ކަންތައްތަކަށް ބަލާއިރު، މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް، އުސޫލުތަކާ ހިލާފަށް 273 މުވައްޒަފުން ވަޒީފާއަށް ނަގާފައިވާކަން ވަނީ ހާމަވެފައެވެ. އަދި ބައެއް ތަކެތި ނުހަނު ބޮޑު އަގުގައި ކުއްޔަށް ނެގުމަށްފަހު، އެއްވެސް ބޭނުމެއް ނުކޮށް ހުރިކަން ވެސް އޮޑިޓަރުން ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު