އެސްޓީއޯ ފާމަސީގައި ފާމަސިސްޓެއް މަސައްކަތް ކުރަނީ، ފޮަޓޯ: ދަ ޕްރެސް
އެސްޓީއޯ ފާމަސީގައި ފާމަސިސްޓެއް މަސައްކަތް ކުރަނީ، ފޮަޓޯ: ދަ ޕްރެސް
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މިންވަރަށް ފާމަސިސްޓުންގެ ގޮތުގައި ތަމްރީނުވާ ދިވެހިންގެ އަދަދު މަދުވުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ސްޓޭޓް ފާމާއިން ފާޅުކޮށްފިއެވެ.

ސްޓޭޓް ފާމާއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ ފާމަސީތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް ގިނަ އިއުލާނުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން، ނިމިދިޔަ މަހުގެ ތެރޭގައި އެކަނިވެސް 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދުމަށް އިއުލާނުކޮށްފައިވީ ނަމަވެސް، މި ދާއިރާއިން ތަމްރީނު ލިބިފައިވާ ދިވެހިން ހޯދުމަކީ މިހާރު ދަތި ކަމަކަށް ވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި، ސްޓޭޓް ފާމާގެ އިސް ބޭފުޅުން ވަނީ ދާދިފަހުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ފާމަސީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނެވެ.

މީގެ އިތުރުން، ކިޔަވައި ނިމިގެން ވަޒީފާގެ މާހައުލަށް ނުކުންނަ ދިވެހި ޒުވާނުންނަށް ސްޓޭޓް ފާމާގެ ތެރެއިން ހުރި ފުރުސަތުތައް ތައާރަފުކޮށްދީ، އެ ކުންފުނީގެ ވަޒީފާތަކަށް ދިވެހިން އަހުލުވެރިކުރުވުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.

ސްޓޭޓް ފާމާއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާރުވެސް އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ހުނަރާއި ފެންވަރު މަތިކުރުމަށްޓަކައި ޚާއްޞަ "ރިފްރެޝަރ ކޯސް" ތަކެއް ހިންގުމަށް މިހާރު ވަނީ ނިންމާފައެވެ. މި ތަމްރީނުތަކުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާ މައުލޫމާތާއި ހުނަރުތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.

ސްޓޭޓް ފާމާއިން ބުނީ، ދިވެހި ޒުވާނުންނަށް ބޭނުންތެރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށްވެސް ކުންފުނީގެ ދޮރުތައް އަބަދުވެސް ހުންނާނީ ހުޅުވިފައިކަމަށް އެ ކުންފުނިން ވަނީ ޔަގީންކަން ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު