ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސަވާހިލި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސަވާހިލި
އައްޑޫ ސިޓީގެ ރައްޔިތުންގެ އުންމީދުތަކުގައި ކަޅު ސާލެއް އޮޅާލަމުން، ސަރުކާރުން މިވަނީ "ސަވާހިލި" ސަރަޙައްދު ކުއްލި ގޮތަކަށް އަތުލައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 22 ވަނަ ދުވަހު ނިންމެވި މި ނިންމެވުމަކީ، އައްޑޫގެ ތަރައްޤީއަށް ހުރަސްއަޅައި، އެ ސިޓީގެ އިޤްތިޞާދީ ފުދުންތެރިކަން މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް ހިންގި ދަށު ދަރަޖައިގެ އަމަލެކެވެ. މި ނިންމުން އައިސްފައިވަނީ އައްޑޫ ސިޓީ ކައުންސިލުން އެ ސަރަޙައްދު ތަރައްޤީކޮށް، ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް ބޮޑު މަޝްރޫޢެއް އިޢުލާންކުރިތާ އެންމެ ހަތަރު ދުވަސް ފަހުންނެވެ. މީގެއިން ހާމަވަނީ މިކަމުގެ ފަހަތުގައި ސީދާ ރޭވުންތެރިކަމާއެކު އައްޑޫ ސިޓީ ކައުންސިލަށް ޖެއްސުން ކުރުމުގެ ނުބައި ނިޔަތެއް އޮތް ކަމެވެ.

މި މައްސަލައިގައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވަނީ ސަރުކާރުގެ މި އަމަލަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި 590 މަޝްރޫޢެއް ހިނގައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއްކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގައި އެންމެ މަޝްރޫޢެއްވެސް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. މޭޔަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ބޭނުންވަނީ އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އަޅައި، ރައްޔިތުން ބިކަކުރުމަށެވެ. "ސަރުކާރުން ބޭނުމެއް ނުވޭ އައްޑޫގައި އެއްވެސް ތަރައްޤީގެ މަސައްކަތެއް ކުރާކަށް. މިހާރުވެސް އެއްވެސް ކަމެއް ނުކުރޭ، އަދި ކުރަން އުޅޭ ކަންކަމަށްވެސް މިދަނީ ހުރަސް އަޅަމުން،" މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން، އައްޑޫގެ ތަރައްޤީއަށް ހުރަސްއެޅުމުގައި ސަރުކާރަށް ތަބާވާ އައްޑޫގެ މަޖިލިސް މެންބަރުން ބައިވެރިވާ ކަމަށް ކުރެއްވި ތުހުމަތަކީ، އައްޑޫ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ، އެ ރައްޔިތުންގެ އިޤްތިޞާދީ މަގުތައް ބަންދުކުރާ ކަމުގެ ހިތްދަތި ހަޤީޤަތެކެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މިއީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނެތި، މާލޭގެ ފިނި ކޮޓަރިތަކުގައި ތިބެގެން ނިންމި ހުދުމުޚުތާރު ނިންމުމެކެވެ. ސަވާހިލި މަޝްރޫޢަކީ ފޭދޫގައި ތަރައްޤީވަމުންދާ 1,000 އެނދާ ގުޅިފައިވާ، އައްޑޫގެ ޒުވާނުންނަށް އެތައް ވަޒީފާއެއް ލިބި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރާނެ އުންމީދީ މަޝްރޫޢެކެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި، ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް އަތްބާނާ ކޮންމެ ފަހަރަކު މިހާތަނަށް ފެނިފައިވަނީ ނާކާމިޔާބީއެވެ. ހަމައެއާއެކު އަތޮޅުތަކުގެ ބާރުތައް ފޭރިގަނެގެން ތަރައްޤީއެއް ނާންނާނެ ކަމަށް ވިދާޅުވެ، ފައިސަލް ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލައި، އަލުން މަރުކަޒީ ބާރުވެރިކަމަކަށް ޤައުމު ގެންދަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ މައުޞޫމް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އުންމީދުތަކާ ގުޅިފައިވާ "ސަވާހިލި" އާ ގުޅޭގޮތުން މިހާރު އިވޭ ޚަބަރުތަކުގެ ސަބަބުން އައްޑޫގެ ރައްޔިތުންގެ ހިތްތަކުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށެވެ. މައުޞޫމް ފާހަގަކުރެއްވި ގޮތުގައި، އާބާދީ މަރުކަޒީ ކުރުމުގެ މަފްހޫމުގެ ދަށުން އައްޑޫ ސިޓީގެ ވަކިވަކި ރަށްރަށުގައި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ކުރިއަރުވައި، ރައްޔިތުންނަށް އެކަމުން ސީދާ އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އައްޑޫގައި ތަރައްޤީކުރާ ކުދި ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭނުންވާނެ ވަސީލަތްތަކާއި ޚިދުމަތްތައް ސަވާހިލީ ސަރަޙައްދުން ލިބޭނެ ގޮތް ހަމަޖެހުމަކީ އައްޑޫގެ މުޅި ޓޫރިޒަމް ޕްރޮޑަކްޓުގެ އަގު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސަރަޙައްދުގައި ކުރިން ކުޑަބަނޮސް ބޭނުންކުރެވުނު އުސޫލަށް އަލިއަޅުއްވާލައްވަމުން މައުޞޫމް ވިދާޅުވީ، ވަކި ރަށެއްގެ ގޮތުގައި އޮންނަ ތަނަކުން ދެވޭނެ ޚިދުމަތްތަކާއި، ކައިރީގައި ހުންނަ ހޮޓާތަކަށް އެ ފެސިލިޓީތައް ބޭނުންކުރެވޭނެ ގޮތް އޮތުމަކީ އިންވެސްޓަރުން އުންމީދުކުރާ ގޮތް ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް ދާއިރާގެ ވިޔަފާރީގައި ހަރާކާތްތެރިވަމުން އަންނަ، އައްޑޫ އަށް ނިސްބަތްވާ ޒުވާން ވިޔަފާރިވެރިޔާ ޢަބްދުލް ވައްހާބު ވިދާޅުވީ، ރައީސް މައުމޫނުގެ ޒަމާނުއްސުރެ ހަންކެޑެ ފަދަ ސަރަޙައްދުތަކުގައި ޓޫރިޒަމް ތަރައްޤީކުރުމުގެ ވާހަކަ ދައްކަމުން އައިސް، ކޮންމެ ސަރުކާރެއް ނިމެން ކައިރިވުމުން އެކަންކަން ހުއްޓޭ ހިސާބަށް ދާ ކަމަށެވެ. ހަންކެޑެ މަޝްރޫޢު ކައުންސިލްގެ އަތުން އަތުލައި، ސަރުކާރުގެ ދަށަށް ގެންދިއުމަކީ ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ވައްހާބު ތުހުމަތު ކުރެއްވިއެވެ. ސަވާހިލި އަކީ އައްޑޫގެ އިޤްތިޞާދަށާއި އާންމު ރައްޔިތުންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަޖެއްސެން އޮތް މުހިންމު މަޝްރޫޢެއް ކަމަށާއި، އެތަން ތަރައްޤީކުރުމަށް ކައުންސިލުން ބިޑަށް ހުޅުވާލުމުން އެކަން ހުއްޓުވައި، ސަރުކާރުގެ މިލްކިއްޔާތަށް ބަދަލުކުރީ ސިޔާސީ ބޭނުމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ވައްހާބު ބާރުއެޅުއްވީ ވަކި މުއްސަނދި ފަރުދަކަށް އެތަން ދިނުމުގެ ބަދަލުގައި، ގިނަ ކުދި ވިޔަފާރިވެރިންނަށް މަންފާ ލިބޭނެ ގޮތަކަށް އެތަން މެނޭޖްކުރެވެން ޖެހޭ ކަމަށެވެ.

ސަވާހިލީ މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ، ސިޓީތަކަށް އަމިއްލަ ބާރުވެރިކަމެއް ބޭނުންވާ ކަމަށާއި، ނަމަވެސް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙަޤީޤީ ބާުރުވެރިކަން ދީފައި ނުވާ ކަމަށެވެ. ޝިފާޒް ތުހުމަތު ކުރެއްވި ގޮތުގައި، ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންވެދާނެތީ ސަރުކާރުން ޖެހިލުންވެއެވެ. އެހެންކަމުން، ރައްޔިތުންނާއި ކައުންސިލްތައް މި ސަރުކާރަށް "ސަލާންޖަހަންޖެހޭ" ފަދަ ނިކަމެތި ހާލަތެއްގައި ބައިތިއްބަން މަސައްކަތް ކުރަނީ ސިޔާސީ ނުފޫޒު ދެމެހެއްޓުމަށް ކަމަށްވެސް ޝިފާޒު ވިދާލުވިއެވެ.

އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާގް ވިދާޅުވީ، ސަވާހިލި ސަރުކާރުން ނެގުމަކީ މައްސަލައެއް ނޫން ނަމަވެސް، އެތަން ވާންޖެހޭނީ އިންޓަގްރޭޓެޑް ސަޕޯޓް ތަނެއްގެ ގޮތުގައި ކަމަށެވެ. އައްޑޫގައި ޓޫރިސްޓުންނަށް ބޭނުންވާ ބީޗް ފަދަ ވަސީލަތްތައް މަދުކަން ފާހަގަކުރައްވައި ފިރާގް ވިދާޅުވީ، އެތަން "އެކްޓިވިޓީ ސެންޓަރެއް" ގޮތުގައި ތަފާތު ފަރާތްތަކަށް ދޫކޮށްލުމުން އޭގެ ފައިދާ މާ ބޮޑުވާނެ ކަމަށެވެ. ސަރުކާރުން މިފަދަ ނިންމުންތައް ކުއްލި ގޮތަކަށް ނިންމަނީ ޖަދަލު ކުރުމުގެ ރޫޙެއްގައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އައްޑޫގެ ފަތުރުވެރިކަމާއި، ޒުވާނުންގެ ވަޒީފާތަކާއި، އައްޑޫސިޓީއާއި އަދި މުޅި އަތޮޅުގެ މުސްތަޤުބަލާ ގުޅިފައިވާ މިފަދަ ނިންމުންތައް ސަރުކާރުން ނިންމަމުން މިދަނީ ރައްޔިތުންނަށް އެއްވެސް އިޙްތިރާމެއް ނެތިކަން ފާހަގަކުރެވެއެވެ. ސަވާހިލި އަކީ އައްޑޫގެ އިޤްތިޞާދީ ނާރެހަށް ވާއިރު، އެތަން ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަކީ އައްޑޫގެ ރައްޔިތުންގެ އަތްފައި ބަނދެލުން ފަދަ ކަމެކެވެ. މިއީ މުޅި އައްޑޫ ރައްޔިތުން މިކަމާ ދެކޮޅަށް ތެދުވެ، އަޑުއުފުލަންޖެހޭ ވަގުތެވެ. އައްޑޫގެ ތަރައްޤީއަށް ހުރަސްއަޅާ ކޮންމެ ސަރުކާރަކަށްވެސް އައްޑޫ ރައްޔިތުންގެ ޖަވާބު ވަރުގަދަވާނެއެވެ.

ސަވާހިލި އަކީ އައްޑޫ ރައްޔިތުންގެ ޙައްޤެކެވެ. އެ ޙައްޤު ފޭރިގަތުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލައި، އެތަން ވަގުތުން ވަގުތަށް އައްޑޫ ސިޓީ ކައުންސިލްގެ އިޙްތިޞާޞަށް އަނބުރާ ގެންނަން ޖެހެއެވެ. އައްޑޫގެ އިޤްތިޞާދީ މިނިވަންކަމަށް ހުރަސްއެޅުމަކީ މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ކުރާ އެންމެ ބޮޑު އިހާނެތިކަމެވެ.



ކިޔުންތެރިންގެ ހިޔާލު