އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމުން ނޫން ކަމަށް ދޭހަވާ ފަދަ ބަސްމަގު ބޭނުންކުރުމަކީ ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވެ، ބޮޑެތި ފިތުނަތަކަކަށް މަގުފަހިވާނެ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވީއްސުރެ މިއަދާ ހަމައަށް ވެސް ދިވެހިން ތިބީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކަމަށެވެ. އެހެންކަމުން، ދައުލަތުގެ އެންމެ މަތީ ވެރިއަކަށް ހުންނަވާ ބޭފުޅަކު، ސިޔާސީ ވާދަވެރިންނަކީ އިސްލާމުން ނޫން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެފަދަ ބަސްމަގު ބޭނުންކުރުމުގެ ސަބަބުން ގައުމުގެ ގައުމީ ފޭރާން ވީދި، އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގެ ތެރޭގައި ބޮޑެތި މައްސަލަތަކާއި ބައިބައިވުންތައް އުފެދުމަށް މަގުފަހިވެގެންދެއެވެ. އަދި ސިޔާސީ މަޝްރަހުގައި ދީނީ ކާޑު ކުޅުމަކީ ގައުމުގެ ބަދަހިކަން ގެއްލިގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން މީގެ ކުރިން ވެސް ރާއްޖޭގައި އިންތިހާއަށް ނުރައްކާތެރި އަދި ހިތްދަތި ނަތީޖާތަކެއް ފެނިފައިވާ ކަމަށެވެ. ރާއްޖޭގައި އޮންނަންޖެހޭނީ ކޮން ދީނެއްތޯ ކުރެވޭ ބަހުސަކީ ދިވެހިންގެ ތެރޭގައި އެއްވެސް އިރަކު ކުރަންޖެހޭނެ ބަހުސެއް ނޫން ކަމަށާއި، އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ނިމި، ގާއިމުވެފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިންނަކީ އަބަދުވެސް އިސްލާމްދީނުގެ އަގީދާގައި ސާބިތުވެ ތިބި ބައެއްކަން ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ މާތްﷲގެ ރަހުމަތްފުޅާއެކު ރާއްޖޭގައި އަބަދުވެސް އޮންނާނީ އިސްލާމްދީން ކަމަށެވެ. އަދި ދީނުގެ ހިމާޔަތުގައި ދިވެހި ރައްޔިތުން އަބަދުވެސް ނަސްރުދީ، ސާބިތުކަމާއެކު ތިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު