ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ސިޔާސީ ބަދަލުހިފުމުގެ ނުރައްކާތެރި ސަގާފަތާއި އަޅުވެތިކަމުން ގައުމު މިއަދު މިނިވަންކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމެއްގެ ދާޚިލީ މިނިވަންކަން ފުރިހަމަވަނީ ޑިމޮކްރަސީގެ ހަމަތައް އެންމެ ފުރިހަމައަށް ތަންފީޒުކުރެވިގެން ކަމަށެވެ. އަދި ރާއްޖޭގެ ތާރީޚުގައިވެސް ނުދެކޭ މިންވަރަށް މި ސަރުކާރުން ވަނީ ޑިމޮކްރަސީގެ މިނިވަންކަން ފުޅާކޮށްދީ، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު އެންމެންނަށް ހުޅުވާލާފައެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކަށް އޮތް މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވީ، މީގެކުރިން ވެރިކަމަށް އަންނަ ސަރުކާރުތަކުން އިދިކޮޅު ލީޑަރުންނާއި ކުރީގެ ރައީސުން ޖަލަށްލުމަށް އަވަސްވެގަންނަ ބަދަލުހިފުމުގެ ރޫހު މިހާރު ނައްތާލެވިފައިވާ ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް އެއްވެސް ސިޔާސީ ލީޑަރަކު ނުވަތަ ކުރީގެ ރައީސަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރިހަމަ މިނިވަންކަން އިދިކޮޅު ފަރާތްތަކަށްވެސް ދެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޒަމާންތަކެއް ވަންދެން އޮތް އަނިޔާވެރިކަމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަންވެސް އެންމެ ފުޅާމިނުގައި ސަރުކާރުން ކަށަވަރުކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި މިނިވަންކަމުގެ ބޭނުން ހިފާއިރު އިސްލާމްދީނުގެ ހުދޫދުތަކަށާއި، ގައުމުގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށް އެންމެހާ ރައްޔިތުންވެސް ތަބާވާންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު