ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރުގަދަ ފާޑުކިޔުމެއް އަމާޒުކުރައްވައިފިއެވެ.

ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި، މިއީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަކުން ބާކީކޮށްލި ފުރަތަމަ ފަހަރެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަދުރަސާއަށް ވަތްފަހުން، މިނިވަންދުވަހުގެ ރަސްމިއްޔާތަށް ނުކިޔާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މީގެ ކުރިން ސިޔާސީ ގޮތުން ތަފާތު ހާލަތްތައް ކުރިމަތިވެ ޖަލުގައި ހުންނެވި ދުވަސްވަރުވެސް، މިފަދަ ގައުމީ މުނާސަބަތުތަކަށް ދައުވަތު ލިބިވަޑައިގަންނަވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިނިވަން ދުވަހުގެ 61 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވިއިރު، މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ބޭރު ގައުމުތަކުގެ ސަފީރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ވީހިނދު، ދައުލަތުގެ ރަސްމީ ބޮޑެތި މުނާސަބަތުތަކަށް ކުރީގެ ރައީސުންނަށް ދައުވަތު އެރުވުމަކީ ރާއްޖޭގައި އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލެކެވެ. ނަމަވެސް މިއަހަރު އެމަނިކުފާނަށް ދައުވަތު ނާރުވާ ސަބަބެއް ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް