އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވައި، އެ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިފަދައިން ޔަޤީންކަން ދެއްވީ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުމުގެ ރަންޔޫބީލް މުނާސަބަތާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

އެނަމިކުފާނުގެ މެސެޖުގައި، މުސްލިމު ޤައުމުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށްޓަކައި އޯ.އައި.ސީން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި ބައި ޤަރުނު ފާއިތުވެގެން ދިޔައިރުވެސް، ބައިނަލްއަޤްވާމީ އިސްލާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގައި އެ ޖަމާޢަތުގެ މުހިންމުކަން ކުޑަނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އޯ.އައި.ސީގެ މެންބަރުކަން ހޯދީ 20 ޖުލައި 1976 ގައެވެ. އެކަން ހަނދާން އައުކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލަށް އިޙްތިރާމްކުރުމާއި، މެންބަރު ޤައުމުތަކުގެ ތަރައްޤީއަށް އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްގެ ފެށުން ކަމަށެވެ. ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިސްލާމިކް ސަމިޓްތަކާއި އެކި ފަންތީގެ ބައްދަލުވުންތަކުގައި ރާއްޖެއިން ފުޅާ ދާއިރާއެއްގައި ޙިއްޞާވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މޫސުމީ ބަދަލުތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިސްލާމިކް ފައިނޭންސް ފަދަ މުހިންމު ދާއިރާތަކުން ދިވެހި ޑިޕްލޮމެޓުން އޯ.އައި.ސީގެ ތެރޭގައި އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ރާއްޖެއާއި އެ ޖަމާޢަތާ ދެމެދު އޮތީ ދިވެހި ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ އިންޞާފުގެ ވަރުގަދަ ގުޅުމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެ ހެއްކެއްގެ ގޮތުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި، ރޮހިންޔާ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމު މުޖުތަމަޢުތަކަށް އިންޞާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތު ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޢަމަލީ ގޮތުންނާއި ވަގުތާ ގުޅޭ ނަތީޖާ ނެރެދެވޭނެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަން ތަކުރާރު ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު