އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށް، އެ ރަށުގެ މަޝްރޫއު ހުއްޓުވާފައިވަނީ އެ ސިޓީގައި ޓޫރިޒަމް ތަރައްގީވުމަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ސަރުކާރުން ކުރި މި ކަމަކީ އައްޑޫ އަދި ހާއްސަކޮށް ފޭދޫގައި ތަރައްގީކުރަމުންދާ ގެސްޓްހައުސްތަކުގެ ވިޔަފާރި މަރާލުމަށް ކުރި ކަމެއް ކަމަށެވެ.





އައްޑޫ ސިޓީ ކައުންސިލުން ސަވާހެލި ބީލަމަށް ލާފައިވަނީ އެ ރަށުގައި ފަތުރުވެރިންނަށް ބޭނުންކުރެވޭނެ ފެސިލިޓީތައް ގާއިމުކުރުމަށް ކަން ފާހަގަކުރައްވައި، އެ ރަށް ތަރައްގީކުރުމުން ފޭދޫގެ ޓޫރިޒަމް ޒޯނަށް ވެސް ބޮޑު ދިރުމެއް އަންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހަންކެޑެ މަޝްރޫއެކޭ އެއްގޮތަށް ސަވާހެލި މަޝްރޫއު ވެސް ހުއްޓުވާފައި އޮތީ ސިޔާސީ ބޭނުމެއްގައި ކަމަށް ތުހުމަތުކުރައްވަމުން ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން އަންނަނީ އައްޑޫ ރައްޔިތުންނަށް ލޯކަލް ޓޫރިޒަމްގެ ނަފާ ނުލިބޭނެކަން ޔަގީންކުރަމުން ކަމަށެވެ. އަދި ތިން އަހަރުވާންދާއިރު ފައިސާ ހަމަޖެހި، ޕްލޭންތައް ހެދިފައި އޮތް މަޝްރޫއެއް ކުރިއަށް ނުގެންދަނީ ސަރުކާރަށް އައްޑޫގައި ތާއިދު ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އެތައް ވަޒީފާއެއް އުފެދި، އައްޑޫގެ ރައްޔިތުންނަށް ޑޮލަރުން އާމްދަނީ ލިބެން އޮތް މިފަދަ ބޮޑެތި މަޝްރޫއުތައް ހުއްޓުވުމަކީ އައްޑޫގެ އަންނަން އޮތް ޖީލުތަކަށް ވެސް ދެވޭ ބޮޑު ގެއްލުމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު